އެމެރިކާއަށް އެތެރެކުރާ ކާރުތަކުން ދާއިމީ ގޮތެއްގައި %25 ޓެރިފް ނަގާނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިއްޔެ ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް އެތެރެކުރާ ކާރުތަކާއި ލުއި ޓްރަކްތަކުން %25 އާ ހަަމައަށް ޓެރިފެއް ނަގަން ފަށާނެ ކަމަށެވެ.
އެގޮތުން އޭޕްރީލް 2 އިން ފެށިގެން ދާއިމީކޮށް ޓެރިފް ނަަގަން އަމަލުކުރަން ފަށާނެ ކަމަށާއި ޑިއުޓީ ނަގަން ފަށާނީ އޭޕްރީލް 3 އިން ފެށިގެން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގައި ވިއްކާ ކާރުތަކުގެ %50 އެއްހާ ކާރު އުފައްދަނީ އެ ޤައުމުގެ އެތެރެއިންނެވެ. ވައިޓް ހައުސްއިން ބުނީ މި ޓެރިފްގެ ބޭނުމަކީ އެ ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުން ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިކަމުގެ ސަބަބުން ކުރިން ނުލިބޭ ފަދަ ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި އިމްޕޯޓް ކުރާ ކާރުތަކުން އެމެރިކާއިން %25 ގެ ޓެރިފެއް ނަގަން ނިންމާފައިވާތީ އޭގެ ސަބަބުން ކާރެއްގެ އަގު އެތައް ހާސް ޑޮލަރެއް ބޮޑުވެދާނެ އެވެ.
”އަހަރެމެން މި ބަލަނީ %25 ޓެރިފްގެ ސަބަބުން އުޅަނދުފަހަރުގެ އަގު ވަރަށް ބޮޑަށް ބޮޑުވާނެ ކަމަށް،“ ޕީޓާސަން އިންސްޓިޓިއުޓް ފޯ އިންޓަނޭޝަނަލް އިކޮނޮމިކްސްގެ ސީނިއާ ފެލޯ އިކޮނޮމިސްޓް މެރީ ލަވްލީ އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވި އެވެ.



