އަލަށް ހަދާ ތެލެސީމިއާ ސެންޓަރު ”އޮރެންޖް ހިޔާ“ ގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ސިފައިންނާ ހަވާލުކޮށްފި އެވެ.
އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ ”ރައްޔިތުންނާ އެކު“ މި ނަމުގައި ރައީސްގެ އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަމަށާއި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ ”އޮރެންޖް ހިޔާ“ އަށް ޒިޔާރަތްކުރައްވައި އެ ތަން ބައްލަވާލައްވާފައިވާ ކަމަށެވެ.
އަދި އެ ތަނުގެ މަސައްކަތުގެ ބޮޑު ބައެއް އަދިވެސް ނުނިމޭތީ އާއެކު އަދި ކޮންޓްރެކްޓް ވެސް ހަމަވާތީ މާދަމައިން ފެށިގެން އެ ތަން ނިންމުމުގެ މަސައްކަތް، ގައުމީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަސައްކަތް ހަވާލުކުރެއްވީ އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ރައީސްގެ އޮފީހުން ކުރިއަށް ގެންދިޔަ އެ ޕޮޑްކާސްޓުގައި، އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޮރެންޖް ހިޔާއިން ތެލަސީމިއާގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން ހިދުމަތް ހޯދާ ފަރާތްތައް އެ ތަނަށް ދަތުރުކުރުމަށް، އެމްޓީސީސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާ އެކު، ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރު ހިންގުމަށް ހާއްސަ ފަރާތެއް ނެތުމުން، ސިވިލް ސަރވިސްގެ ތެރެއިން އެންމެ އެކަށޭނަ ފަރާތެއް އެ މަގާމަށް އައްޔަން ކުރެވިފައިވާނެ ކަމަށެވެ.
”ތެލެސީމިއާ ސެންޓަރުގެ ބައެއް މުވައްޒަފުން ބަދަލުކޮށްދިނުމަށް އެދުމާ ގުޅިގެން އެކަން ވެސް ކުރެވި، އިތުރު 5 ނަރުހުން ނެގުމަށް އިޢުލާނު ކުރެވިފައިވާނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، ތެލެސީމިއާ ސެންޓަރަށް ވަސީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފިލްޓަރުގެ މައްސަލަ އާއި ދެން ވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވައި، އެ ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސްޓޭޓް އޮފް ދި އާޓް، ތެލެސީމިއާ ހިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.




