ޢީދަށް ދިއްލާލުމަށް ހުރިހާ ރަށަކަށްވެސް ބޮކި ފޮނުވާ ނިންމާލާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ޢީދަށް ދިއްލާލުމަށްޓަކައި ރަށްރަށަށް ފޮނުވަންޖެހޭ ބޮކިތައް މިހާރު ހުރިހާ ރަށަކަށްވެސް ފޮނުވާ ނިމިފައިވާ ކަމަށެވެ.
އެގޮތުން ގިޑިގެ ފޮނުވަންޖެހޭ 86 ރަށަކަށް ގިޑިގެ ފޮނުވުމުގެ މަސައްކަތްވެސް ހުކުރު ދުވަހު ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުރިހާ ސަރަޙައްދެއްވެސް ނިންމާލެވޭނެކަމަށް ބަލަމުން އަންނަ ކަމަށެވެ.
އަތޮޅުތެރޭގެ ރަށްރަށާއި، ސިޓީތައް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.



