ރައީސްގެ ނިންމެވުން ތަންފީޒުކޮށް މަތީ ތައުލީމަށް ދޫކުރާ ލޯނުތަކުގެ އިދާރީ ފީ ކަނޑާލައިފިއެވެ.
ހަޔާ އެޑިއުުކޭޝަން މިނިސްޓްރީން މި ނިންމުން ނިންމާފައި މި ވަނީ މަތީ ތައުލީމަށް ދޫކުރާ ލޯނުތައް އިސްލާމީ ހަމަތަކަށް ފެއްތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާތީ އެކަން ތަންފީޒު ކުރުމަށެވެ.
ރައީސް މުޢިއްޒު ރޭ ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، ”ޝަރީޢާ ކޮމްޕްލަޔަންޓް“ ލޯނުތަކަކަށް ހެދުމަށްޓަކައި ބައެއް ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަށް ޝަރީއާ ކޮމްޕްލަޔަންޓް ލޯނުތަކަކަށް ހަދަން ރައީސް ނިންމަވާފައި ވާތީ އެ ނިންމުމަށް މަރުހަބާ ކިޔާ ކަަމަށެވެ.
އެ ލޯނުތަކާއި ގުޅިގެން ރައީސް ނިންމެވި ނިންމެވުން މިވަގުތުން ފެށިގެން ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން މިވަގުތުން ފެށިގެން ކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންކަމުން އެކަމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިވަގުތުން ފެށިގެން ކުރިއަށްދާ ކަމަށާއި މި ނިންމެވުމުން ދައްކައިދެނީ ސައްތައިންސައްތަ އިސްލާމީ ދިވެހިރާއްޖޭގައި ފައިސާއާ ގުޅޭ ކަންތައްތައް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ މިންވަރު ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ރައީސްގެ އެ ނިންމެވުމާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަށް އެ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްއޮތް ތަނުގައި ދޫކުރާ އެންމެހާ ސްޓޫޑަންޓް ލޯނުތައް އަނބުރާ ދައްކާ އިރު، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް އަދަދެއްގެ ފައިސާއެއް ނުނަގާނެ ކަމަށާއި އެ މިނިސްޓްރީން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތައް އަނބުރާ ދައްކާ އިރު، އިދާރީ ފީ އެއްވެސް ދެން ނުނަގާނެ ކަމަށެވެ.
މީގެ އިތުރުން މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތަކުން އިދާރީ ފީގެ އެއް ޕަސަންޓު އުނިކޮށް، އެ ލޯނުތަކަށް އަނބުރާ ދައްކަން ޖެހޭ އަދަދު އެޖަސްޓްކުރެވޭނެ ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.




