މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ތައިލެންޑަށް ކުރިމަތިވި ގެއްލުންތަކުގެ ތެރޭގައި އެއްވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު ފުއާދު ތައުފީގު ހާމަކުރައްވައިފި އެވެ.
”އެހެންނަމަވެސް ބެންކޮކުގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން އެއްވެސް ދިވެއްސެއް ތަނެއްގައި ތާށިވެ، އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ދިވެހި އެމްބަސީއަށް ލިބިފައެއް ނުވޭ.“ ފުއާދު ވިދާޅުވިއެވެ
ފުއާދު އިތުރަށް ވިދާޅުވި ގޮތުގައި، ބިންހެލުމުގެ ސަބަބުން ގިނަ ދިވެހިން ދިރިއުޅޭ ޢިމާރާތްތަކަށް އެކި ވަރުވަރުގެ ގެއްލުން ވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. ބައެއް ޢިމާރާތްތަކުގެ ފާރުތަކުގައި ރެނދު އަޅާފައިވުމާއެކު، ބައެއް ޢިމާރާތްތަކަށް ވަނުން ވަނީ މަނާކުރެވިފައެވެ.
މިޔަންމާއަށް މިއަދު ފުލުފުލުގައި ގިނަ ބިންހެލުންތަކެއް އައިސްފައިވާ ކަމަށް ބިންހެލުންތައް ދިރާސާ ކުރަމުން އަންނަ އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސިސްމޮލޮޖީ (އެންސީއެސް) ވަނީ ބުނެފައެވެ.
އެގޮތުން އެންމެ ފުރަތަމަ ރެކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާއިރު، 7.0 މެގްނިިޓިއުޑް ބާރުމިނުގައި ބިންހެލުމަކާއި 5.0 އާއި 4.9 މެންނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައިވާ ކަމަށް އެންސީއެސްއިން ވަނީ ބުނެފައެވެ.



