ޝައްވާލް މަހުގެ ފުރަތަމަ 07 ދުވަހު އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އިއުލާންކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.
ނަމަވެސް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ 09:15 އިން 12:00 އެވެ. މި ޚިދުމަތް ލިބޭނީ ހަމައެކަނި ކުއްލި ހާލަތްތަކުގައި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ޕާސްޕޯޓު ހަވާލުކުރުމަށް ނަންބަރު ދޫކުރެވޭނީ ހެނދުނު 9:15 އިން މެންދުރު 12:00 އާ ހަމައަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަންގެ މި ޚިދުމަތްތައް ފޯރުކޮށްދެވޭނީ މާލެ އަދި ހުޅުމާލޭގައި ޤާއިމުކުރެވިފައިވާ އިމިގްރޭޝަން އޮފީސްތަކުންނެވެ.
އިމިގްރޭޝަންއިން ބުނި ގޮތުގައި، ސިއްހީ ކުއްލި ހާލަތެއްގައި ގުޅާނީ 9555333 ނަންބަރަށެވެ. އަދި ވިސާއާ ގުޅުންހުރި ކުއްލި ހާލަތްތަކުގައި 9199153 ނަންބަރަށް ގުޅުމަށް އެ އޮފީހުން އަންގާފައިވެއެވެ.
އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވާ، ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ލިބެން ހުންނާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަނުން ބުނީ، ސީޕޯޓުގެ ޚިދުމަތްތައް ހުކުރު ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:30 އިން 12:00 އަށް ލިބެން ހުންނާނެ ކަމަށެވެ.
ހުކުރު ދުވަހު މި ޚިދުމަތް ލިބޭނީ މެންދުރުފަހު 2:30 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:30 އިން 12:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.



