މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 11.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފްތާގައި މިފްކޯއަށް 177 ދޯންޏަކުން މަސް ކިރުވައި، އެ ދޯނިތަކަށް 11.9 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ތެރޭގައި މަހަށް ނުކުތް ދޯނިތަކުގެ އަދަދު އިތުރުވިނަމަވެސް، މަސްވެރިކަން ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު މަސްވެރިންނަށް 120 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ ޖަނަވަރީ މަހާ އަޅާބަލާއިރު 2.6 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މާރިޗް 8 ވަނަ ދުވަހަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން މަސް ކިރުވި ދުވަސްކަން މިފްކޯއިން ފާހަގަކޮށްފައިވެއެވެ.
ރައީސް މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާއިރު، މި ސަރުކާރުން މަސްވެރިންނަށް ނުދެވި އޮތް 250 މިލިއަން ރުފިޔާވެސް ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި މަސްވެރިންގެ ދުވަހުން ފެށިގެން މިހާތަނަށް 385 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މަސްވެރިކަމުގެ ސިނާޢަތް ރާއްޖޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މަސް ރައްކާކުރުމުގެ ޤާބިލުކަން ދެގުނަ ކުރުމާއި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.



