އެއްބަސްވުންތަކާ ދެކޮޅުވާން އާދަވެފައިވާ ޔަހޫދީ އިޒްރޭލުން، ލުބްނާނަށްވެސް އަލުން ހަމަލާ ދޭން ފަށައިފިއެވެ.
އިޒްރޭލުން ރޭގައި ވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތަށް ވައިގެ ބާރުގަދަ ހަމަލާއެއް ދީފައެވެ. މިއީ ހަނގުރާމަ ހުއްޓާލަން ހިޒްބުﷲ އާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވުމަށްފަހު، އިޒްރޭލުން ލުބްނާނަށް ދިން ދެވަނަ ހަމަލާއެވެ. ފުރަތަމަ ހަމަލާ ދީފައިވަނީ މިދިޔަ މާރިޗް މަހުގެ 28 ވަނަ ދުވަހުގައެވެ.
ބެއިރޫތުގެ ދާހިޔާއަށް ދިން މި ހަމަލާގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަމަށާއި ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށް ލުބްނާންގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، ރޭ ދަންވަރުގެ ވަގުތެއްގައި ބެއިރޫތުގެ އުސް އިމާރާތަކަށް ހަމަލާދީ، ބާރުގަދަ ގޮވުމެއް ގޮވާފައިވެއެވެ. ފަހުން އިޒްރޭލުން ވަނީ މިއީ އެ ޤައުމުން ދިން ހަމަލާއެއް ކަމަށާއި ހަމަލާ ދިނީ އެ އިމާރާތުގައި ހިޒްބުﷲގެ މެންބަރެއް ހުރިކަމުގެ މައުލޫމާތު ލިބިގެން ކަމަށް ބުނެފައެވެ. އިޒްރޭލުން ތުހުމަތު ކޮށްފައިވާ ގޮތުގައި އެ މެންބަރަކީ ޣައްޒާގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާދޭން ލަފާދީ، އެ ހަމަލާ ދިނުމުގައި އެހީތެރިވަމުން އަންނަ މެންބަރެކެވެ.
އިޒްރޭލުގެ އެ ބާރުގަދަ ހަމަލާގެ ސަބަބުން އެ އިމާރާތްވަނީ ބިމާ ހަމަވެފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ފާއިތުވީ ތިން ދުވަސް ތެރޭގައި މިއީ އިޒްރޭލުން ދިން ދެވަނަ ހަމަލާ ކަމަށްވާތީ، މި ހަމަލާތަކުގެ ރައްދު ހިޒްބުﷲ އިން ދޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަށްފަހު، ނޮވެމްބަރު މަހުން ފެށިގެން އިޒްރޭލުން ގެންދަނީ ލުބްނާނަށް އަސްކަރީ އަދި ވައިގެ ހަމަލާތަށް ދޭން ތައްޔާރުވާން ފަށާފައެވެ. އަދި މިހާރު ދެވަނަ ފަހަރަށް ހަމަލާދިނުމުން، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އިޒްރޭލުގެ ނެތްކަމަށް ގިނަ ބަޔަކަށްވަނީ ޔަގީން ވެފައެވެ.
މީގެ ދެ ދުވަސް ކުރިން ހިޒްބުﷲގެ ސެކްރަޓަރީ ޖެނެރަލް ނައީމް ގާސިމް ބުނެފައިވަނީ، އިޒްރޭލުން ހަމަލާތަށް ދިނުން ހުއްޓާނުލާ ކުރިއަށް ގެންގޮސްފިނަމަ އެ ޖަމިއްޔާއިން ވެސް ރައްދު ދޭން ފަށާނެ ކަމަށެވެ.



