އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަންގަރީއަށް ޒިޔާރަތްކޮށްފިނަމަ، އެ ޤައުމުން އޭނާ ހައްޔަރުކުރަން އެމްނެސްޓީން ގޮވާލައިފިއެވެ.
އެމްނެސްޓީން މިހެން ގޮވާލާފައިމިވަނީ ހަންގަރީގެ ބޮޑުވަޒީރު ވިކްޓޯ އޯބަންގެ ދައުވަތަކަށް ނަތަންޔާހޫ އެ ޤައުމަަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވުމާ ގުޅިގެންނެވެ.
އުސޫލުތަކާއި، ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އަދި ލާއިންސާނީކޮށް ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން މިދިޔަ އަހަރު ވަނީ، ނަތަންޔާހޫ ހައްޔަރު ކުރުމަށް ގޮވާލާފައެވެ.
ހަންގަރީއަކީ ވެސް އައިސީސީގެ މެންބަރު ޤައުމަކަށްވުމާއެކު، އެ ކޯޓުން އަންގާފައިވާ އެންގުމަށް ބޯލަނބަން ޖެހޭނެ ކަމަށާއި ނަތަންޔާހޫ ހައްޔަރު ކުރުމަށް ނުވަތަ ދިން ދައުވަތު އަނބުރާ ގެންދިޔުމަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރަޓަރީ ޖެނެރަލް އެގްނަސް ކެލަމާޑް ވަނީ ގޮވާލާފައެވެ.
އެގްނެސް އިތުރަށް ބުނެފައިވަނީ އައިސީސީގެ މެންބަރެއްގެ ގޮތުގައި އޮވެ، ހަންގަރީން އައިސީސީގެ އެންގުމާ ޚިލާފުވެއްޖެނަމަ އެއީ ވަގުތުން ވަގުތަށް އެ ޤައުމާމެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ.
ޣައްޒާއަށް ދެމުންގެންދިޔަ 15 މަސް ދުވަސްވީ ހަނގުރާމަ މިއަހަރުގެ ޖެނުއަރީ މަހު ފަހުކޮޅު ހުއްޓާލުމަށްފަހު، އެއްބަސްވުމާ ޚިލާފުވެ އަނެއްކާވެސް އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށިތާ މިއަދަށް ވަނީ މަހެއްވެފައެވެ.
މި ފާއިތުވީ އެއްމަސް ދުވަސް ތެރޭގައި ކޮންމެ ދުވަހަކު އިޒްރޭލުން ވަނީ ޣައްޒާގެ އެތައް ބަޔަކު ޝަހީދުކޮށްލާ ނުވަތަ ޒަހަމްކޮށްލާފައެވެ. މީގެއިތުރުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތަކުގެ ސާމާނު ލިބުން ވެސް ޔަހޫދީ އިޒްރޭލު ސިފައިން ވަނީ ހުއްޓުވާފައެވެ. މި ހުރިހާ ނުބައިކަމަކީ ވެސް ޔަހޫދީ ނަތަންޔާހޫއާއި އެމެރިކާގެ ޔަހޫދީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުބައި ރޭވުންތަކާއި އެންގުންތަކުގެ ދަށުން ފަަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރިއަށްގެންދާ ލާއިންސާނީ ޢަމަލުތަކެކެވެ.



