ކެންސަރު ޖެހިފައިވާ ކަމަށްބުނެ ބޮލީވުޑްގެ އެކްޓްރެސް ހީނާ ޚާން ފަތުރާފައިވަނީ ދޮގު މައުލޫމާތުތަކެއް ކަމަށް އެކްޓްރެސް އަދި ކުރިން ކެންސަރުޖެހި ސަލާމަތްވެފައިވާ ރޯޒްލީން ޚާން ބުނެފިއެވެ.
މިދިޔަ އަހަރު މެދެއްހާ ހިސާބު ހީނާ ވަނީ އޭނާއަށް އުރަމަތީގެ ކެންސަރު ޖެހިފައިވާ ކަމަށްބުނެ، އޭނާ ހުރީ ސްޓޭޖް 3 ގައި ކަމަަށް ވެސް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ކީމޯތެރަޕީއާއި އިތުރު ފަރުވާތައް ހޯދަމުން އަންނަ ކަމަށްވެސް ހީނާ ވަނީ ބުނެފައެވެ.
މީގެއިތުރުން ހީނާ އަންނަނީ ކެންސަރާ ހަނގުރާމަ ކުރަމުންދާއިރު އޭނާގެ ދިރިއުޅުގައި ކުރަމުންގެންދާ ބައެއް ކަންކަން ވެސް ހިއްސާ ކުރަމުންނެވެ. އެގޮތުން ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާލުމާއި ހޮސްޕިޓަލުގައި ހޭދަކުރާ ބައެއް ވަގުތުތަކުގެ ފޮޓޯތައް ވެސް ހިއްސާ ކޮށްފައިވެއެވެ. މީގެއިތުރުން ހީނާ ވަނީ ފަރުވާ ހޯދަމުންދާއިރުވެސް އޭނާގެ އާންމު ދިރިއުޅުމުގައި ކުރާ ކަންކަމަށް ބަދަލެއް ނާންނަކަން ދެއްކުމުގެ ގޮތުން ވެސް ބައެއް ވީޑިއޯއާއި ފޮޓޯތައް ހިއްސާ ކޮށްފައެވެ.
މިކަންކަމާ ގުޅޭގޮތުން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ރޯޒްލީން ބުނީ، ކެންސަރު ބަލީގެ ސްޓޭޖް 3 ގައި ހުންނަ މީހަކަށް އެފަދަ ހަރަކާތްތަށް ނުކުރެވޭނެ ކަމަށެވެ.
އެގޮތުން ހީނާ ކީމޯތެރަޕީ ހެދުމަށްފަހު، ރާއްޖެއަށް ޗުއްޓީއަށް ވެސް އައިކަން ފާހަގަކޮށް ރޯޒްލީން ބުނީ، ހީނާ ބުނިގޮތުންނަމަ އޭނާ ރާއްޖެއަށް އައީ ކީމޯ ހެދިތާ މާގިނަ ދުވަހެއް ނުވެ ކަމަށެވެ. އެހެންކަމަށްވާނަމަ، ކީމޯ ހަދާފައި ހުންނަ މީހަކު ސްވިމިންގް ޕޫލަށް އެރި އުޅޭއިރު ހަށިގަނޑު ތެރެއަށް ކްލޮރިން ގޮސްފާނެތީ ޖެހިލުންވާނެ ކަމަށާއި މޫދަށް އެރުމުން ލޮނުފެނުގައި ނުޖެހެން ވެސް އެނގޭނެ ކަމަށް ރޯޒްލިން ބުނެފައިވެއެވެ. އަދި އެކަންކަމަކީ ފަސޭހައިން އިންފެކްޝަން އުފެދިދާނެ ކަންކަން ކަމުގައިވެސް ބުނެފައިވެއެވެ.
މީގެއިތުރުން މިދިޔަ ޑިސެމްބަރު މަހު ހީނާ މެސެޓޮމީ ހަދާފައިވާ ކަމަށް ބުނެފައިވާކަން ފާހަގަކޮށް ރޯޒްލިން ވަނީ އޭގެ ތިންވަނަ ހަފްތާގައި ޤައުމުން ބޭރަށް ގޮސް، އައިސް ކުޅިވަރުތައް ކުޅެ ނަށާ ހެދީ ކިހިނެއްތޯ ސުވާލު ކޮށްފައެވެ. އެފަދަ ބޮޑު އޮޕަރޭޝަނަކަށްފަހު އޭގެ 21 ދުވަސް ފަހުން އެހާ ހަރަކާތްތެރިވެގެން އެއްވެސް ކެންސަރު ބަލިމީހަކަށް ނޫޅެވޭނެކަމަށް ރޯޒްލިން ބުނެފައިވެއެވެ.
ރޯޒްލިން ބުނެފައިވަނީ، ހީނާ ހުރީ ކެންސަރު ބަލީގެ ސްޓޭޖް 3 ގައި ނޫން ކަމަށާއި ސްޓޭޖް 2 ގައި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ހީނާގެ ޑޮކްޓަރީ ލިޔުންތައް ވެސް ރޯޒްލިންއަށް ލިބިފައިވާ ކަމަށްބުނެ އޭނާވަނީ އެ ލިޔުންތައް ހިއްސާ ކޮށްފައެވެ. ނަމަވެސް އޭގެން ހީނާގެ ނަމުން ފެންނަނީ ހަމައެކަނި ”ހީނާ“ އެބައި އެކަންޏެވެ.
ހީނާ ޚާން ވަނީ ރޯޒްލިންގެ ހުރިހާ ވާހަކަތަކެއް ދޮގުކޮށްފައެވެ. ނަމަވެސް ރޯޒްލިން އެދިފައިވާ ގޮތަށް ޑޮކްޓަރުގެ ލިޔުންތައް ހާމަކުރަން ވެސް ހީނާ ދެކޮޅު ހަދާފައިވެއެވެ.




