ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެ މަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިނގިރޭޓު ބުއިމާއި އެކި ކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން އެންމެހައި ފަރާތްތަކަށް ބާރުއެޅުއްވިއެވެ.
”ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑު ކުރުމުގެ މައިގަނޑު މަފްހޫމަކީ އެކަމުން ރައްޔިތުން ސަލާމަތް ކުރުން. އެކަމަކީ ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެން ވާނެ ކަމެއް ނޫން.“ ރައީސް ވިދާޅުވިއެވެ.
އަދި އެހެން އެކަން ކޮށްފިނަމަ އެއީ ސިނގިރޭޓު އެތެރެކުރާ މީހުންނަށް އެއިން ބޮޑުވާބައި ހަމަޖައްސައިގެން، ވިއްކަމުންދާން ލިބޭނެ ފުރުސަތެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއާއެކު އެ މަނިކުފާނު ވަނީ ސިނގިރޭޓު އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލަން އެދިވަޑައިގެންފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަކީ މިލިއަނުން މީހުން އުޅޭ ޤައުމެއް ނޫން ކަމަށާއި، މިއީ މިފަދަ ކުޑަކުޑަ މުޖުތަމަޢެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، މިކަމުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ގޮވާލެއްވިއެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ސަރުކާރުން ބޮޑުކޮށްފައިވާއިރު، މިދިޔަ އަހަަރު ސަރުކާރުން ވަނީ ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމާއި، ވޭޕް ބޭނުންކުރުން އެއްކޮށް މަނާކޮށްފަ އެވެ. އަދި ސިނގެރޭޓް ވިއްކާނެ އުމުރު 21 އަށް ވަނީ ބޮޑުކޮށްފަ އެވެ.
އެހެންކަމުން މިހާރު 21 އަހަރުން ދަށުގެ ކުދިންނާ މީހުންނަށް ސިނގެރޭޓް ވިއްކުންވެސް ވަނީ މަނާކޮށްފަ އެވެ.



