ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ލިވަރޕޫލްގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދަރިވަރުންގެ ކިޔެވުމުގެ ތަޖުރިބާތަކާއި، އެ ދަރިވަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
އަދި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދަރިވަރުންނަށް ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންގެ އުންމީދުތަކާއި ކާމިޔާބީތަކާމެދު ފަޚުރުވެރިވާކަންވެސް ފާޅުކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަތުރުކުރައްވާ ޤައުމުތަކުގައި ތިބޭ ދިވެހި ދަރިވަރުންނާއި ދިވެހިންނާ ބައްދަލުކުރެއްވުމަށް އިސްކަންދެއްވައެވެ.
މިފަދަ ބައްދަލުކުރެއްވުންތަކުގައި އެ ރަށްރަށުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރަށް އެހީތެރިވެދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ރައީސް އިސްކަންދެއްވައެވެ.



