ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، ފުލުހުން ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަށް ފުލުހުން އަންގައިފިއެވެ.
އެކްސްގައި މިރޭ ހިއްސާކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އޭޕްރީލް 4 އަދި 5 ވަނަ ދުވަހު ގިނަ އަދަދެއްގެ ޢުމްރާވެރިންނާއި، ފިޠުރު ޢީދުގެ ޗުއްޓީއާ ގުޅިގެން ވީއައިއޭ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން މި ދެ ދުވަހު ވީއައިއޭ އަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން، ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން ވަނީ އަންގައިފައެވެ.
އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
ފުލުހުން މިހެން އަންގާފައިވާއިރު، އެމްއޭސީއެލްއިންވެސް ވަނީ މާދަމާ މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑު ވާނެތީ ދުރާލާ އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
އެމްއޭސީއެލްއިން ބުނީ މާދަމާ މެންދުރުފަހު ޢުމްރާވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަަތީ، އެގަޑީގައި އެއާޕޯޓު ބާރުބޮޑުވާނެ ކަމަށެވެ.
އެހެންކަމުން އެއާޕޯޓުގެ އޮޕަރޭޝަންސް ފަސޭހައިން ކުރިއަށް ގެންދިޔުމަށްޓަކައި، މާދަމާ އެކި ފުރަންދާ މީހުން ވީހާވެސް އަވަހަށް ސެކިއުރިޓީ ކްލިއަރެންސާއި ޗެކިން ހެދުމަށް އެމްއޭސީއެލުން އިލްތިމާސް ކޮށްފައިވެއެވެ.



