އއ. ހިމަންދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ރޯވެފައި ވަނީ، މާލެ އާއި އއ. އަތޮޅާ ދެމެދު މާލެ ދަތުރުކުރާ 50 މީހުންގެ ޖާގައިގެ ’ކައެލް ވިންގް‘ ކިޔާ ލޯންޗެއްގަ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 5:50 ހާއިރުއެވެ. އަދި ރޯވީ ލޯންޗު ފުރަން ތައްޔާރުވެފައި ވަނިކޮށެވެ.
ފުލުހުން ބުނީ، ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ފުލުހުންނާއި ރަށު ކައުންސިލާއި އާންމުން ގުޅިގެން ކުރި މަސައްކަތުން 6:26 ހާއިރު ކަމަށެވެ. އަދި މި ހާދިސާ ހިނގިއިރު ލޯންޗުގައި ކެޕްޓަނާއި ދެ ކްރޫ އިންނާއި ކުޑަ ކުއްޖެއް ތިބިކަމަށެވެ.
މި ހާދިސާގައި ކްރޫ އިންނަށް ކޮންމެވެސް އަނިޔާއެއް ވިނަމަވެސް، ބޮޑު އަނިޔާއެއްވެފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އަލިފާން ރޯވި ލޯންޗު އޮތީ ބޭނުން ނުކުރެވޭވަރަށް އަނދައި، އަދި ފަޅުތެރެއަށް އަޑިއަށްގޮސްފައި ކަމަށެވެ.
ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
ހިމަންދޫގައި ލޯންޗެއް އަޑިއަށް ދިޔަ އިރު އިއްޔެ ރޭ ”ހޮޅުދޫ ބޯޓް“ ގައި ރޯވެ ވަނީ އަޑިއަށް ގޮސްފަ އެވެ. އެ ހާދިސާގައ ގެއްލުނު ޒުވާނަކު ހޯދުމުގެ މަސައްކަތް ވެސް ސިފައިން އަންނަނީ ކުރަމުންނެވެ.
ތ. ހިރިލަންދޫއިން މާލެއަށް ދަތުރުކުރަމުންދިޔަ ”ހޮޅުދޫ ބޯޓު“ ނަމަކަށް ކިޔާ މި މުދާ އުފުލާ ބޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލިފައިވާ ފަރާތް ހޯދުމަށް މިހާތަނަށް 53 ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބުނެފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ ޢަލީ މުޝްފިޤް ޝަރީފްއެވެ.



