ރިޕަބްލިކް އޮފް ސެނެގާލްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ފޮރިން މިނިސްޓަރު ޔަސިން ފޯލްއަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރު ޚަލީލް ފޮނުއްވި މެސެޖުގައި، ސެނެގާލްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސެނެގާލްގެ ފޮރިން މިނިސްޓަރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
”މި ފުރުޞަތުގައި، ކަމަނާއަށް ދުޅަހެޔޮ ޞިއްޙަތާއި ސެނެގާލްގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާފާގަތިކަން ލިބުމަށް އަޅުގަނޑު އެދެން.“ މިނިސްޓަރު ޚަލީލް މެސެޖުގައި ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސެނެގާލްގެ ފޮރިން މިނިސްޓަރަށް ކުރައްވާ މަތިވެރި ގަދަރު އާކުރައްވާ ކަމަށެވެ. އަދި އެކަން ޔަޤީންކުރެއްވުމަށް އެކަމަނާގެ އަރިހުން އެދިލެއްވިއެވެ.
ސެނެގާލްގެ މިނިވަން ދުވަސް ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލް ހަތަރު ވަނަ ދުވަހެވެ.



