ބޮލީވުޑްގެ ކުރީގެ ޑައިރެކްޓަރު އަދި އެކްޓަރު މަނޯޖް ކުމާރު މަރުވެއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަނޯޖް ކުމާރު މަރުވެފައި ވަނީ އުމުރުން 87 އަހަރުގައި މިއަދުގެ ވަގުތެއްގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވީ ހިތާ ގުޅުން ހުރި އުދަނގޫތަކެއްގެ ސަބަބުންނެވެ.
އެކްޓަރު މަނޯޖު ކުމާރު މަރުވުމާ ގުޅިގެން ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެ، އޭނާގެ ފިލްމުތަކުން ”ގައުމީ ފަޚުރުގެ ރޫހެއް އަލިކޮށްދީ، ޖީލުތަކަށް އިންސްޕަޔަރ ކުރާނެ“ ކަމަށް ވިދާޅުވެފަ އެވެ.
ކުމާރަކީ މޯދީގެ ވެރިކަން ކުރާ ހިންދޫ ގައުމިއްޔަތު ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ބޭފުޅެކެވެ.
މަނޯޖް ކުމާރަށް ”ބާރަތު ކުމާރު“ ގެ ނަން ދީފައިވަނީ އޭނާގެ ފިލްމުތަކުގައި އެއްބައިވަންތަކަމާއި ގައުމީ ފަޚުރަށް އަމާޒުކޮށްގެން އުފައްދާފައިވާ ފިލްމުތަކުގައި ގައުމީ ލޯބި ބޮޑުކަމުންނެވެ. ބާރަތު އަކީ އިންޑިއާ އަށް ކިޔާ ޤަދީމީ ސަންސްކްރިޓް ބަހެވެ.
މަނޯޖް ކުމާރު އުފަންވެފައި ވަނީ ހަރިކްރިޝަން ގޮސްވާމީގެ ނަމުގައި ޖުލައި 24، 1937 ގައި ޕަންޖާބުގެ އަމްރިތުސާރ އަށެވެ.
އިންޑިއާގެ ސިނަމާއަށް މަނޯޖް ކުރި ޚިދުމަތްތަކުގެ ސަބަބުން އޭނާއަށް ޝަރަފުވެރި އެތައް އެވޯޑެއް ލިބިފައިވާއިރު، އޭގެ ތެރޭގައި ނޭޝަނަލް ފިލްމް އެވޯޑާއި އެކި ކެޓަގަރީތަކުން ހަތް ފިލްމްފެއާ އެވޯޑް ހިމެނެ އެވެ. އިންޑިއާ ސަރުކާރުން 1992 ވަނަ އަހަރު ޕަދްމާ ޝްރީ އެވޯޑް ދިން އިރު، ފަހުން އިންޑިއާގެ ސިނަމާގެ އެންމެ މަތީ ޝަރަފު ކަމަށްވާ ދަދާސާހެބް ފާލްކޭ އެވޯޑް 2015 ވަނަ އަހަރު މަނޯޖަށް ލިބިފައި ވެއެވެ.
އޭނާގެ ފާހަަގަކޮށްެވޭ ފިލްމުތަކުގެ ތެރޭގައި ”އުޕްކާރު“ (1967)، ”ޕޫރަބް އޯރު ޕަޗިމް“ (1970) އަދި ”ކްރާންތީ“ (1981) ،ޝަހީދު، ރަންގް ދޭ ބަސަންޓީ ފަދަ ފިލްމުތައް ހިމެެނެއެވެ.




