މިދިޔަ ބުދަ ދުވަހުގެ ރޭ ރޯވި ”ހޮޅުދޫ ބޯޓުން“ ގެއްލުނު ފަރާތް ހޯދުމަށް 24 ގަޑިއިރު ތެރޭގައި 92.42 ނޯޓިކަލް މޭލު ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި ހާދިސާގައި ގެއްލިފައިވާ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ ޢަލީ މުޝްފިޤް ޝަރީފް ހޯދުމަށް ސަރފޭސް ސަރޗްގެ ގޮތުގައި 92.42 ސްކުއެއާ ނޯޓިކަލް މޭލް ބަލައި، ޑައިވްކޮށްގެން ކަނޑު އަޑީގެ 65100 އަކަ މީޓަރު ބަލާފައިވާ ކަމަށެވެ.
މުޝްފިގު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ދަނީ ޑްރޯން ވެސް ބޭނުންކުރަމުންނެވެ.
މި ހާދިސާ ހިނގި ބޯޓުގައި ކެޕްޓަނާއެކު ޖުމްލަ 18 މީހުން ދަތުރުކުރިކަމަށާއި، އޭގެ ތެރެއިން ޢަލީ މުޝްފިޤް ފިޔަވައި އެހެން އެންމެން ސަލާމަތްކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯޓު އަޑިއަށް ގޮސް، އޭގެ ބައިތައް އޮޔާދާތީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން އިލްތިމާސްކުރެއެވެ.




