މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާ އެންމެ ފަހުން އުފެއްދި ފިލްމު ކަމުގައިވާ ”ސޮރީ“ ގެ އޮފިޝަލް ޕޯސްޓަރާއި ބައެއް ލަވަތައް ރިލީސް ކުރަން ތައްޔާރުވެއްޖެއެވެ.
މި މަހުގެ 8 ވާ އަންގާރަ ދުވަހުގެ ރޭ 9:00 ގައި މި ފިލްމުގެ އޮފިޝަލް ޕޯސްޓަރާއި ބައެއް ލަވަތައް ރިލީސްކުރަން ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އެންމެންނަށް ވެސް ބައިވެރިވެވޭނެހެން ސޯޝަލް ސެންޓަރުގެ ބޭރު ސްޓޭޖުގައެވެ.
ނަހުލާ ބުނި ގޮތުގައި ސޯޝަލް ސެންޓަރު ބޭރު ސްޓޭޖުގައި އެ ރަސްމިއްޔާތު ބާއްވަން ނިންމީ، އެ ރަސްމިއްޔާތު ބަލައިލަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
”ސޮރީ“ މި ފިލްމަކީ ކުރެވޭ އެންމެ ކުށެއްގެ ސަބަބުން، ޙަޔާތައް ދިމާވާ ބޮޑެތި ބަދަލުތަކާއި ކަންތައްތަކުގެ މައްޗަށް ބިނާ ކޮށްފައިވާ ވަރަށް އަސަރުގަދަ ފިލްމެކެވެ. މި ފިލްމުގައި ހަމައެކަނި ނަމަނަމައިން ކަންކަން ނުކުރެވޭނެކަމާއި ވަގުތު އޮއްވާ ނިންމުންތައް ނިންމުމުގެ މުހިންމުކަން ވެސް ދައްކުވައިދީފައިވާނެކަން ފިލްމު އުފެއްދި ފަރާތުން ބުނެފައިވެއެވެ.
މި ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ މިހާރު ނަހުލާގެ ގިނަ ފިލްމުތަކުގައި ލީޑް ރޯލު ކުޅެމުން އަންނަ އައްޒަ އާއި ޔޫއްޕެ އެވެ. އޭގެ އިތުރުން އީސަ (އާނަންދު) އަދި ވާޝިޔާ ވެސް ފެނިގެންދާނެއެވެ.
މި ތަރިންގެ އިތުރުން ”ސޮރީ“ ގައި އެންމެ މުހިންމު ލީޑު ރޯލުތަކެއް ކުޅޭ ކުޑަކުޑަ ދެ ތަރިންނަކީ ނަހޫގެ ހުނަރުވެރި ހަގު ދަރިފުޅު ލާލި އާއި ފިލްމު ”ޒުލެއިޚާ“ ގެ ކުޅަދާނަ އެކްޓްރެސް (ނަހޫގެ ދޮށީ އަންހެން ދަރިފުޅު) ނާޝްގެ ހުނަރުވެރި ދަރިފުޅު އެވްލީން އެވެ. މި ކުދިންގެ ހުނަރުވެރިވެ އެކްޓިންގްއިން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެކަމާމެދު ޝައްކެއްވެސް ނެތެވެ.
”ސޮރީ“ އޮލިމްޕަސް ތިއޭޓަރުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުގައެވެ.



