އިސްރާއީލުގެ ޖަރީމާތައް ނިމުމަކަށް ގެނެވޭނީ އޭޝިޔާގެ ޤައުމުތައް އެއްބައިވަންތަކަން އިސްކޮށްގެން ކަމަށް އީރާނުގެ ޕާލަމެންޓްގެ ނައިބު ރައީސް ހާމިދު ރޭޒާ ހާޖީ ބަބައީ ވިދާޅުވެއްޖެ އެވެ.
ހާމިދު ރޭޒާ ހާޖީ ބަބައީ މިހެން ވިދާޅުވީ އުޒްބެކިސްތާނުގެ ވެރިރަށް ޓާޝްކެންޓްގައި މިއަދު ފެށިގެން ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަން(އައިޕީޔޫ) ގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި އޭޝިއާ ޕާލަމެންޓްރީ އެސެމްބްލީ (އޭޕީއޭ)ގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ހާމިދު ރޭޒާ ވިދާޅުވީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޖަރީމާތައް ނިމުމަކަށް ގެނައުމަށް އޭޝިއާގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާ ކުރުމަކީ ފައިދާހުރި ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެއްބައިވަންތަކަމާއި އެކުވެރިކަން ބަދަހިކޮށް، އައިޕީޔޫގެ މަޖިލީހުގެ މެމްބަރު ގައުމުތަކުގައި ހުރި ގާބިލްކަން އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
”މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ޣައްޒާ އާއި ފަލަސްތީނުގެ ބިންތައް ދުނިޔޭގެ އާންމުންގެ ލޮލުގެ ކުރިމަތީގައި އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި މުއައްސަސާތަކުގެ ކުރިމަތީގައި، އިސްރާއީލުގެ ސަރުކާރާއި އެ މީހުނަށް ތާއީދުކުރާ ފަރާތްތަކުގެ ސަބަބުން ނުތަނަވަސްކަމާއި ހަމަނުޖެހުން އުފެދިފައިވާ ތަން“ ހާމިދު ރޭޒާ ވިދާޅުވިއެވެ.
އަދި އެ ސަރަޙައްދުގައި ލާއިންސާނީ ޖަރީމާތައް ހިންގާ މުޅި ފަލަސްތީނު ސަރަހައްދު ނާމާން ކޮށްފައި ވަނީ އިސްރާއީލުގެ ވެރިކަން ދެމެހެއްޓުމަށްކަން ހާމަވެގެން ގޮސްފައިވާ ކަމަށް ހާމިދު ރޭޒާ ވަނީ ވިދާޅުވެފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ޙައްލު ހޯއްދަވައިދެއްވަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ މި މައްސަލައަށް ބައިނަލްއަޤްވާމީ އެންމެހައި މުއައްސަސާތަކުން ސީރިއަސް ގޮތެއްގައި ވިސްނުމަށް ހާމިދު ރޭޒާ ވަނީ ގޮވާލައްވާފައެވެ.
މި އެސެމްބްލީ ކުރިއަށްދާނީ އަޒްރްބައިޖާންގެ ވެރިރަށް ތަޝްކެންޓުގައި މިއަދުން ފެށިގެން މި މަހުގެ 9 އަށެވެ.
އިންޓަރ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) އަކީ މިނިވަން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. 1989 ވަނަ އަހަރު އުފެއްދި މި ޖަމްޢިއްޔާގައި ބައިވެރިވުމަށް އައިޕީޔޫގެ ރާއްޖޭގެ ގޮފި އެކުލަވާލައި ގަވާއިދު ފާސްކޮށްފައިވަނީ 6 ޖޫން 2005 ގައެވެ.



