ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގައި އެމްއެމްއޭގެ ހުއްދަ އޮތް ފަރާތްތަކާ މުޢާމަލާތްކުރުމަށާއި، ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވުމަށް އިރުޝާދު ދެއްވާފައެވެ.
އަދި އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި، މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށް އަންގަވާފައިވެއެވެ.
ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ އެންޓި ސްކޭމް ސެންޓަރެއް ޤާއިމްކޮށްފައިވެއެވެ. މި ސެންޓަރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މާލީ އިދާރާތަކާއެކު މަސައްކަތްކުރާނެއެވެ.
ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް 911 އަދި 125 (އެކްސްޓެންޝަން 2020) އަށް ގުޅުމުގެ އިތުރުން reportscam@police.gov.mv އަށް އީމެއިލް ކުރެވޭނެއެވެ. އަދި މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފުލުހުންގެ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެއެވެ.
ފުލުހުން ވަނީ މިފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް ރިޕޯޓްކުރުމަށް އާންމުންނަށް ގޮވާލާފައެވެ.




