އަނިޔާވެރި ޔަހޫދީ އިޒްރޭލުން ޣައްޒާގެ ކުށެއްނެތް ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި އެތައްބަޔަކު އިއްޔެވެސް ޝަހީދުވެއްޖެއެވެ.
ވައިގެ ހަމަލާތަކަކާއި ބޮމުގެ ހަމަލާތަކެއް އިއްޔެވެސް އިޒްރޭލުން ޣައްޒާއަށް ދީފައިވާއިރު، އެ ހަމަލާތަކުގެ ބައެއް ވީޑިއޯތައް މިހާރު މީސް މީޑިއާގެ އެކި މަންސަތަކުގައި ދަނީ ދައުރުވަމުންނެވެ.
އެގޮތުން އިއްޔެއާއި ރޭގައި ދައުރުވީ ބައެއް ވީޑިއޯތަކުން ފެންނަނީ، ޣައްޒާއަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާގައި އެތައް ބައިވަރު ރައްޔިތުންތަކެއް ވައިން މައްޗަށް އަރައިގެން ބުރަބުރައިގެންދާ ހިތްދަތި މަންޒަރެވެ. އޭގެތެރޭގައި ޣައްޒާގެ ކުޑަކުދިންތަކެއް ވެސް ހިމެނެއެވެ.
މިފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓާލުމަށް އެކި ޤައުމުތަކުން ގޮވާލަމުން ދިޔަނަމަވެސް، ޔަހޫދީ އިޒްރޭލުން ބުނަމުން ގެންދަނީ އެމީހުން ހަމަލާދެނީ ޓެރަރިސްޓުންނަށް ކަމަށް ބުނަމުންނެވެ.
އެގޮތުން ޣައްޒާގެ އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރާލުމަަށްފަހު އެކަމާ ބައިނަލްއަގުވާލީ މުއާހަދާތަކުން ސުވާލުކުރުން އިޒްރޭލުން ބުނީ، އެމީހުން ބަޑީގެ ހަމަލާދިނީ އިޒްރޭލު ސިފައިންނާ ދިމާލަށް ގައު އުކި ޓެރަރިސްޓަކަށް ކަމަށެވެ.
އިޒްރޭލުން ވަނީ މިއަދު ފަތިހު، ޣައްޒާގެ ދެކުނު އައްސޭރީގައި ޓެންޓު ޖަހައިގެން ތިބި ނޫސްވެރިންތަކަކަށް ވެސް ހަމަލާ ދީފައެވެ. އެގޮތުން މި ހަމަލާގައި ދެ ނޫސްވެރިއަކު މަރުވެ، ތިން މީހަކުވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.



