ރާއްޖޭގައި ދިވެހި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ލޮނު އުފައްދާ ފެކްޓްރީ ހުޅުވި ހަބަރެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދިވެހި ލޮނު އުފައްދަން ފެށުމަކީ ކުރިއެރުމެއް ކަމަށާއި ކަންކަން ކުރިއަށްދާނީ ފެށީމައި ކަމަށެވެ.
”ކަންކަން ކުރިއަށްދާނީ ފެށީމަ. މަރުޙަބާ އަދި ކާމިޔާބަށް އެދެން.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ރާއްޖޭގެ މިފަދަ އުފެއްދުންތަކަށް ހިއްވަރުދީ އަދި ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
ހއ. ދިއްދޫގައި ލޮނު އުފައްދާ ފެކްޓަރީއެއް ހުޅުވާފައިވާއިރު، މި ފެކްޓަރީ އަކީ ޖަޕާންގެ އަމިއްލަ ކުންފުންޏަކުން ގާއިމުކޮށް ހިންގާ ތަނެކެވެ. އެ ފެކްޓަރީ ހަދަން 15،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ދޫކޮށްފައިވެ އެވެ.
ދިއްދޫ ކައުންސިލުން ބުނީ ރަށުގައި ހުޅުވި ލޮނު އުފައްދާ ފެކްޓަރީގައި އިތުރު ވަޒީފާތަކެއް އުފެދި ކައުންސިލްގެ އާމްދަނީއަށް ވެސް މަހަކު ގާތްގަނޑަކަށް 12،000ރ. ލިބޭނެ ކަމަށެވެ.
ދިއްދޫގައި ހުޅުވި ފެކްޓަރީން އުފައްދާ ލޮނު ޖަޕާނަށް ވެސް އެކްސްޕޯޓްކުރަން ހަމަޖެހިފައިވާ އިރު ރާއްޖޭގެ ރިސޯޓުތަކަށް އެތަނުން ފެންވަރު ރަނގަޅު ލޮނު ސަޕްލައިކޮށް ދޭނެ އެވެ.
ފެކްޓަރީގައި ތިން ބާވަތެއްގެ ލޮނު އުފައްދާނެ އެވެ. އެއީ ކާން ބޭނުން ކުރާ ލޮނާއި، ބައެއް ޚާއްސަ ބާވަތްތަކުގެ އިތުރުން، ލޮނު މަސް ތައްޔާރު ކުރުމަށް ބޭނުންކުރާ ލޮނެވެ.
ފެކްޓަރީން އުފައްދާ ލޮނަށް ދީފައިވާ ނަމަކީ ’ޓެންޕީ ސަން ސޯލްޓް‘ އެވެ.




