ޣައްޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލައި، ޣައްޒާގެ ހުރިހާ ބާރުތަކެއް ފަލަސްތީނަށް ދިނުމަށް ބޮޑު ތިން ޤައުމަކުން ގޮވާލައިފިއެވެ.
އެމެރިކާގެ އެހީގައިބއިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި، ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ގުޅޭގޮތުން މިޞްރުގެ ރައީސް ޢަބްދުލް ފައްތާހް އެލް-ސިސީއާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އަދި އުރްދުން (ޖޯޑަން) ގެ ރަސްގެފާނު ޢަބްދުﷲ ވަނީ އިއްޔެ ކައިރޯގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމަށްފަހު އެ ތިން ޤައުމުން އެކުއެކީގައި ނެރުނު ނޫސްބަޔާނެއްގައި ގޮވާލާފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ލާއިންސާނީ ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ. އަދި ހަނގުރާމަ ހުއްޓާލަން މިއަހަރުގެ ޖެނުއަރީމަހު އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރުމަށްވެސް ގޮވާލާފައިވެއެވެ.
މީގެއިތުރުން ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުން ހާލުގައި ޖެހެމުން އަންނަކަން ފާހަގަކޮށް، އެކަން ހުއްޓާލައި، އެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
ފްރާންސް، މިސްރު އަދި އުރްދުންގެ އެ ބަޔާނުގައި ބުނެފައިވަނީ ޣައްޒާ ހިމެނޭހެން ފަލަސްތީނުގެ ހުރިހާ ސިޓީތަކާއި އަވަށްތަކަކީވެސް ފަލަސްތީނުގެ ވެރިކަމުގެ ދަށުން، ފަލަސްތީނުގެ ބާރު ހިނގާނެ ބިންތައް ކަމަށާއި އެހެންކަމުން އެހުރިހާތަނެއްގެ ބާރާއި ހިންގުމުގެ ބާރު ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އަށް ދިނުމަށެވެ.
މިއާއެކު ޣައްޒާގެ އެއްވެސް ރައްޔިތަކު އެމީހުންގެ އަމިއްލަ ބިން ދޫކޮށް ދިޔުމަށް މަޖުބޫރުނުކުރުމަށާއި ޣައްޒާގެ ރައްޔިތުންގެ ބިންތައް ނިގުޅައިގަންނަން ކުރަމުންދާ މަސައްކަތްތައް ވެސް ހުއްޓާލުމަށް ގޮވާލާފައިވެއެވެ.


