ޢައްޒާގެ ގިނަ ބަޔަކަށް ކާނާ ތައްޔާރު ކުރަމުންދިޔަ ބަދިގެއަކަށް ޔަހޫދީ ނުބައި އިޒްރޭލުން މިދިޔަ ހޯމަ ދުވަހު ބޮން އަޅައި އެތަން ސުންނާފަތި ކޮށްލައިފިއެވެ.
ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ އެ ބަދިގެއަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދިން މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް މިހާރު ވަނީ އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، އިޒްރޭލުން އެ ހަމަލާދިންއިރު، ޣައްޒާގެ ގިނަ ބަޔަކު ތިބީ ކާއެތިކޮޅެއް ހޯދުމަަށް އެތަނުގައި ސަފު ހަދައިގެންނެވެ.
ޔަހޫދީންގެ މި ހަމަލާގެ ސަބަބުން ޣައްޒާގެ ހަ މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ގިނަ ބަޔަކު ވަނީ ޒަހަމްވެސް ވެފައެވެ.
ޣައްޒާގެ ބަދިގެއަކަށް ހަމަލާ ދިނުމުގެ އިތުރުން އިޒްރޭލުން ވަނީ ޖެނީވާއިން ޣައްޒާއަށް އެހީތެރިކަން ފޯރު ކޮށްދެމުންދިޔަ ކޮންވެންޝަން ސެންޓަރެއްވެސް ބަންދު ކުރުވާ، އެހީދިނުމަށް ހުރަސް އަޅާފައެވެ.
އ.ދ ގެ ސެކްރެޓެރީ ޖެނެރަލް އެންޓޯނިއޯ ގަތަރޭސް މިކަމާ ގުޅޭގޮތުން ބުނީ، ޣައްޒާގެ ރައްޔިތުން މިވަގުތު ތިބީ ކާއެއްޗެއް ނުލިބި، ތެލެއްވެސް ނުލިބި އަދި ބޭސްފަރުވާ ވެސް ނުލިބި ކަމަށެވެ. އަދި އިޒްރޭލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ޤާނޫނުގެ 55، 56 އަދި 59 ވަނަ މާއްދާއާ ޚިލާފު އަމަލުތަކެއްކަން ވެސް ގަތަރޭސް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ގަތަރޭސް ބުނީ، އިޒްރޭލުން ޣައްޒާއިން ހަމަލާދިންނަމަވެސް، އިންސާނީ ޙައްޤުތައް ނިގުޅައިނުގަނެވޭނެ ކަމަށް ހަނގުރާމަތަކާބެހޭ އެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އިޒްރޭލަކީ މިއިން އެއްވެސް ޤާނޫނަކަށް، ޤަވައިދަކަށް ބޯލަނބާ ޤައުމެއް ނޫންކަން ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.




