އުނގެނޭ ޢިލްމުގެ ނޫރުން، اللهގެ ރުހިވޮޑިގަތުން ހޯދަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
”ތަރައްޤީގެ އަސާސަކީ، ތަޢުލީމާއި ތަރުބިޔަތު“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، އިސްލާމީ ތަޢުލީމު ޢާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަ މަސަލަސްކަން ޤާއިމުވި ކަމަށެވެ.
މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ޙާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި، އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތްވީ ކަމަށް ޚުތުބާގައި ބުނެފައި ވެެއެވެ.
ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި ޢިލްމުތައް، ޢަރަބި ބަހަށް ތަރުޖަމާކުރުމާއި، ޢިލްމާއި ފަންނުގައި، އައު އެތައް އީޖާދެއްކޮށް، ފޮތްތައް ލިޔެ ޝާއިޢުކުރި ވަރުގަދަ ޙަޟާރަތެއް މި އުންމަތް ބިނާކުރި ކަމަށާއި މި އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ ސިކުނޑިތައް ހުޅުވުނު ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
މި ފެށުނު ދިރާސީ އަހަރު، އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ދަރިވަރުން ގަދައަޅައި މަސައްކަތް ކުރުމަށް ގޮވާލާ ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ހުސްވަގުތު ފަޅުފިލުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
އުނގެނޭ ޢިލްމުގެ ނޫރުން، اللهގެ ރުހިވޮޑިގަތުން ހޯދުމަށާއި އިސްލާމް ދީނާއި ވަޠަނަށް ޓަކައި ޤުރްބާންވާން ކެރޭ ބަޔަކަށް ވުމަށް ހަށިތަކާއި ނަފުސުތައް ހާނުވައި، ތައްޔާރުކުރުވުމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ބުނީ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ.
ނަބީބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށާއި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޛާރު ދެއްވާ ބޭކަލުންގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
”އިސްލާމް ދީނުގައި ރަނގަޅަށް ދަރީން ތަރުބިޔަތު ކުރުމަކީ، އެ ކަމުގައި ޤާއިމުވެ ތިބި ބަޔަކަށް މާތް الله ސަވާބާއި ދަރުމަ ދެއްވާނޭ ކަމެއް“ ޚުތުބާގައި ބުނެފައި ވެއެވެ.
އަަހަރެމެންގެ ދަރީންނަށް، ޢިލްމުގެ އިތުރުން، އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ، ޤައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށާއި އިސްލާމްދީން މި ކަމަށް ބާރުއަޅައި، ހިތްވަރުދެނީ، ދަރީން ތަރުބިޔަތުކުރުމަށް އެހެން ހުރިހައި ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.




