ޔަހޫދީ އިޒްރޭލުން ބޮޑަށް ހަމަލާތައް ދެނީ ޣައްޒާގެ އަންހެނުންނަށާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ކަމަށް އ.ދ ގެ ރިޕޯޓަކުން ހާމަކޮށްފިއެވެ.
އެ ރިޕޯޓުން ބުނެފައިވާ ގޮތުގައި މިދިޔަ މާރިޗް މަހުގެ 18 އިން މިމަހުގެ 9 އާ ހަމައަށް އިޒްރޭލުން ވަނީ ޣައްޒާއަށް 36 ވައިގެ ހަމަލާ ދީފައެވެ.
އެ ކުރު މުއްދަތުގެ ތެރޭގައިވެސް ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
އަދި ހަނގުރާމަ ހުއްޓާލަން މިދިޔަ ޖެނުއަރީ މަހު ނިންމި އެއްބަސްވުމާ ދެކޮޅު ހަދައި އިޒްރޭލުން މިދިޔަ މާރިޗް މަހުގެ 2 ވަނަ ދުވަހު ޣައްޒާއަށް އަނެއްކާވެސް ހަމަލާ ދޭން ފެށި ފަހުން، މިހާތަނަށް އެ ޤައުމުން 1،100 އަށްވުރެ ގިނަ މީހުން އިޒްރޭލުން ޝަހީދު ކޮށްލާފައިވާ ކަމަށް ވެސް އ.ދ ގެ ރިޕޯޓުން ބުނެފައިވެއެވެ.
މީގެއިތުރުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ލިބެންޖެހޭ އިންސާނީ ޙައްޤުތަކަށް ވެސް ހުރަސް އަޅައި ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅާފައި ކަމަށް ވެސް ރިޕޯޓުން ބުނެފައިވެއެވެ.




