ރަނގަޅު ސިއްހަތެއްގައި ހުރުމަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.
ރަނގަޅު ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ބައެއް ކަންކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަހަރު ކުރީކޮޅު އެކުލަވާލި ރިޕޯޓެއްގައިވަނީ ހާމަކޮށްފައެވެ.
އެގޮތުން ސަމާލުކަންދޭން ޑަބްލިތުއެޗްއޯ އިން އިރުޝާދު ދީފައިވާ ބައެއް ކަންކަމަކީ:
° ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމަށް ސަމާލުކަން
ެަރަނގަޅު ސިއްހަތެެއްގައި ހުރެވޭނީ، ފައިދާހުރި ރަނގަޅު ކާނާ ބޭނުން ކޮށްގެންކަން އެންމެންނަށް ވެސް ޤަބޫލު ކުރެވެއެވެ. އެގޮތުން ފައިދާހުރި ކާނާ ކެއުމަށްޓަކައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ގިނައިން ބޭނުންކުރުމަށް ޑަބްލިޔުއެޗްއޯއިން އިރުޝާދު ދެއެވެ.
° މަދުން ލޮނާއި ހަކުރު ބޭނުންކުރުން
ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި، ކާބޯތަކެއްޗަށް ހަކުރާއި ލޮނު އަޅާވަރު މަދުކުރަން ޖެހެއެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މާގިނައިން ލޮނު ކެއުމަކީ ސިއްހަތަށް ރަނގަޅު ކަމެއް ނޫނެވެ. އަދި ހަނަ އެފަދައިން މާގިނައިން ހަކުރު ބޭނުންކުރުން، ނުވަތަ ފޮނިގަދަކޮށް ކެއިންބުއިމަކީ ވެސް ސިއްހަތަށް ނުހަނު ގެއްލުންހުރި ކަމެކެވެ. އަދި އެއީ ފަލަވުމަށްވެސް މަގުފަހިވާ ކަމެކެވެ.
° ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
މިއީ ވަރަށް ގިނަ މީހުން ކުރަމުންގެންދާ، ވަރަށް ވެސް ނުރަނގަޅު އާދައެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ފުއްޕާމެއަށް ގެއްލުންވެ، ހިތުގެ މައްސަލަތައް ޖެހުމަށްވެސް މަގުފަހިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިޕޯޓުތަކުން ބުނެއެވެ.
° ސަރުބީ ގިނަ ކާނާ ކެއުމުން ދުރުހެލިވުން
ސަރުބީ ގިނަ ވާނެ ފަދަ ކާނާ ކެއުމަކީ ވެސް އަަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. އެތަކެތީގެ މީރުކަމުންނާއި، އާންމުކޮށް ގޭގައި ކައްކާފައި ހުންނަ ކާނާ ނުކައި، ތަފާތު ކޮށްލުމުގެ ނިޔަތުގައި ދެން ކެވެނީ މިފަދައިން ސިއްހަތަށް ގެއްލުންވާނެ ކާނާއެވެ. ނަމަވެސް އެފަދަ ކާނާއިން ބަރުދަން އިތުރުވުމުގެ އިތުރުން، ހިތުގެ އެކިކަހަލަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް ވެސް ސިއްހަތު ޖަމިއްޔާއިން ބުނެފައިވެއެވެ.




