ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އާމިރް ޚާނަ ކުޅެފައިވާ ސުޕަރހިޓް ފިލްމު ”ރާޖާ ހިންދުސްތާނީ“ އަކީ ބަލަން ވަރަށް އުނދަގޫ، އަދި އެހާމެ މައްސަލަ ބޮޑު ފިލްމެއް ކަމުގައި އާމިރް ޚާންގެ ކޮއްކޮ އިމްރާން ޚާން ބުނެފިއެވެ.
އާމިރަށް ބޮޑު ބޭބެ ކިޔާ އިމްރާން އަކީ 2000 ވަނަ އަހަރުގެ ފިލްމުތަކުން ނަން ވިދާލި ތަރިއެކެވެ. ނަމަވެސް 2015 ވަނަ އަހަރު އެންމެ ފަހުން ކުޅުނު ”ކައްޓީ ބައްޓީ“ ފިލްމަށްފަހު އޭނާ ވަނީ އެކްޓު ކުރުމުން ދުރުވެ، އަމިއްލަ ދިރިއުޅުމުގައި ބިޒީ ވެފައެވެ.
ނަމަވެސް އަނެއްކާވެސް ސްކްރީންތަކުން ވަރަށް އަވަހަށް ފެންނާނެ ކަމަށް، ދާދިފަހުން ފިލްމްފެއާ އަށް ދިން އިންޓަވިއު އެއްގައި އިމްރާން ބުނެފައިވެއެވެ.
ކުރީގެ ފިލްމުތަކާ ބެހޭގޮތުން އެ އިންޓަވިއުގައި ވާހަކަ ދައްކަމުން އިމްރާން ބުނީ 90ގެ އަހަރުތަކުގެ ފިލްމުތަކަކީ، މިހާރުގެ ނަޒަރުން ބަލާނަމަ، ވަރަށް މައްސަލަބޮޑު ފިލްމުތަކެއް ކަމަށެވެ.
އެގޮތުން އާމިރް ޚާންގެ ރާޖާ ހިންދުސްތާނަކީ އެފަދަ ފިލްމެއް ކަމުގައި ބުނެ އިމްރާން ވަނީ އެ ފިލްމަށް ފާޑު ކިޔާފައެވެ. އަދި އެއީ އޭނާއަށް ބަލަން ވަރަށް އުނދަގޫވި ފިލްމެއް ކަމަށާއި އެ ފިލްމުގެ ބައެއް މަންޒަރުތަކަކީ މުޅިން ގޯސް މަންޒަރުތަކެއް ކަމުގައިވެސް އިމްރާން ޚާން ބުންޏެވެ.



