ޕާކިސްތާނުގައި ފުލުހުންގެ ވެހިކަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި ފުލުހުންގެ ތިން އޮފިސަރަކު މަރުވެއްޖެއެވެ.
ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ފުލުހުންގެ ވެހިކަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ތިން އޮފިސަރަކު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބޮން ގޮއްވާލާފައި ވަނީ ކުއެޓާގެ ދެކުނުން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ މަސްތޫންގް ޑިސްޓްރިކްޓްގެ މަގުމަތީގައެވެ.
”މަސްތޫންގް ޑިސްޓްރިކްޓްގައި ގޮއްވާލި އެއްޗެއް ގޮއްވާލީ ކަލާޓުން އަންނަ ފުލުހުންގެ ބަހަކަށް އަމާޒުކޮށްގެން. ބޮން ގޮއްވާލުމުން ބަލޫޗިސްތާން ފުލުހުންގެ ތިން މީހަކު ވަނީ މަރުވެފަ“ ބަލޫޗިސްތާން ސަރުކާރުގެ ތަރުޖަމާނު ޝާހިދު ރިންޑް އީއެފްއީ ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.
އަދި އިތުރު 16 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އޭނާ ހާމަކުރެއެވެ.
މީގެ އިތުރުން މި ހަަމަލާގައ ޒަހަމްވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްކަމަށާއި ޒަހަމްވި އެންމެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ސީރިއަސް ޒަހަމްވި މީހުން ކުއެޓާއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
އަފްޣާނިސްތާނާއި އީރާނާ ގުޅިފައިވާ ހަމަނުޖެހުންބޮޑު ބަލޫޗިސްތާން ސަރަހައްދުގައި ހިނގި މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ މިކަމުގެ ތަހުގީގީ ރިޕޯޓަކަށް އެދިފައެވެ.



