ޑިޒްނީން އަލަށް އުފައްދާ ރީމޭކް ފިލްމެއް ކަމަށްވާ ”ސްނޯ ވައިޓް“ ދެއްކުމާއި ބެލުން، ލުބްނާންގައި މަނާ ކޮށްފިއެވެ.
ލުންބާނުން މި ފިލްމު މަނާ ކޮށްފައިމިވަނީ، އެ ފިލްމުގައި އިޒްރޭލުގެ އެކްޓަރެއް ކަމަަށްވާ ގޭލް ގެޑޮޓް ހަރަކާތްތެރިވާތީ ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.
”ސްނޯ ވައިޓް“ ފިލްމުގައި ގޭލް ކުޅެފައިވަނީ އެ ފިލްމުގެ ނުބައިބައި ރޯލެއް ކަމަށްވާ ”ދޮން މަންމަ“ ގެ ރޯލެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ލުބްނާނުގައި އިޒްރޭލުގެ އުފެއްދުންތައް ބޯއިކޮޓް ކޮށްފައިވާ ލިސްޓުގައި، ގޭލްގެ ނަން ކުރިންވެސް ހިމެނެއެވެ.
ގޭލްއަކީ އެކްޓަރެއްގެ އިތުރުން، އިޒްރޭލުގެ އެކި ކަންކަމާ ގުޅޭގޮތުން، އެ ޤައުމުގެ ޙައްޤުގައި އަޑު އުފުލަމުންވެސްދާ ފަރާތެކެވެ. ލުބްނާނުން އޭނާގެ ފިލްމުތަކާއި އެހެންވެސް ޕްރޮޖެކްޓުތައް ދެއްކުމާއި ބެލުން ބޯއިކޮޓް ކޮށްފައިވަނީ، ޣައްޒާއަށާއި ލުބްނާނަށް ވެސް އިޒްރޭލުން ލާއިންސާނީ ހަމަލާތައް ދެމުންދާއިރުވެސް މިފަދައިން އިންސާފުވެރިކޮށް ވާހަކަ ދައްކާފައިނުވާތީ ކަމަށާއި އަބަދުވެސް އިޒްރޭލުގެ ދިފާޢުގައި އަޑުއުފުލާތީ ކަމުގައި ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
”ސްނޯ ވައިޓް“ ފިލްމު މިދިޔަ މަހު ރިލީޒް ކޮށްފައިވާއިރު ލުބްނާންގައި އެ ފިލްމު ދެއްކުން މަނާ ކޮށްފައިވަނީ އެ ޤައުމުގެ އިންޓީރިއަރ މިނިސްޓަރ އަހްމަދު އަލް-ހައްޖަރް އެވެ. އޭނާ ”ވެރައިޓީ“ ނޫހަަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ލުބްނާންގެ އެތައް ރައްޔިތުންނެއް މަރާލާފައިވާ ޤައުމަކަށް ނިސްބަތްވާ މީހަކު އުޅޭ ފިލްމެއް އެ ޤައުމުގައި ނުދެއްކޭނެ ކަމަށެވެ.
މެދު އިރުމަތީގެ ޑިސްޓްރިބިއުޓަރެއް ކަމުގައިވާ އިޓަލިއާ ފިލްމްސްގެ ރެޕްރެޒެންޓޭޓިވްއެއް އެ ނޫހަށް މައުލޫމާތު ދެމުން ބުނީ، ގޭލް އުޅޭ މި ފިލްމު މަނާ ކުރުމަކީ ލުބްނާންގައި އަލަށް ކުރިކަމެއް ނޫން ކަމަށާއި ގޭލް އަކީ މާކުރިންވެސް ލުބްނާނުން ބޯއިކޮޓް ކޮށްފައިވާ ފަރާތެއް ކަމަށްވާތީ، އޭނާ ކުޅެފައިވާ އެއްވެސް އެއްޗެއް ދެއްކުން ލުބްނާނުގައި ހުއްދައެއް ނޫން ކަމަށެވެ.




