އެމެރިކާއިން ޔަމަނުގެ ތެޔޮ ބަނދަރަކަށް ދިން ޙަމަލާތަކެއްގަައި 74 މީހުން ޝަހީދު ކޮށްލައިފިއެވެ.
ހުކުރު ދުވަހު އަލް މަސީރާ ޓީވީން އާންމުކުރި ޔަމަނުގެ ރައުސް އީސާ ބަނދަރުގެ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ބޮޑެތި ގޮވުންތަކެއް ދިޔައީ ގޮވަމުންނެވެ.
އެމެރިކާއިން ޔަމަނުގެ ރައުސް އީސާ ތެޔޮ ބަނދަރަށް އަމާޒުކުރި މި ހަމަލާދީފައި ވަނީ ހަނގުރާމަވެރިންނަށް ތެޔޮ ފޯރުކޮށްދޭ ވަސީލަތްތައް މެދު ކަނޑާލުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ހޫތީންގެ ބާރުގެ ދަށުގައިވާ އެ ބަނދަރަށް އެމެރިކާ އިން ދިން އަސްކަރީ ހަމަލާތަކުގައި އާންމުންނާއި ރެސްކިއު ވޯކަރުން ހިމެނޭ ގޮތަށް 74 މީހުން މަރުވެފައިވާ ކަމަށް ހޫތީންގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަނީސް އަލް އަސްބާހީ ވިދާޅުވީ މި ހަމަލާތަކުގައި 74 މީހުން ޝަހީދުވެ 171 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އަނިޔާ ލިބުނު އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ ރައުސް އީސާ ބަނދަރު ފެސިލިޓީއަށެވެ.
މިގޮތުން މި ހާދިސާގައި ޝަހީދުވި މީހުންގެ ތެރޭގައި ޓްރަކް ޑްރައިވަރުންނާއި އިމަޖެންސީ ރެސްޕޮންޑަރުން ވެސް ހިމެނެއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން އީރާނަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައި ތެހެރާނަށް މެސެޖެއް ދިނުމުގެ ބޭނުމުގައި ދިން މި ހަމަލާގެ މިންވަރާއި އަމާޒާމެދު ތަޖުރިބާކާރުން އަންނަނީ ފާޑު ކިޔަމުންނެވެ.
އެމެރިކާގެ ހަމަލާތަކާ ގުޅިގެން ހޫތީންގެ އޮފިޝަލަކު ވަނީ އެ ޖަމާއަތުން އެމެރިކާގެ ދެ މަތިންދާބޯޓު އުފުލާ އުޅަނދަކާއި އިޒްރޭލުގެ މައި އެއާޕޯޓު ކައިރީގައި ހުރި އަސްކަރީ ސައިޓަކަށް ހަމަލާ ދީފައިވާކަން އިއުލާންކޮށް މި ހަމަލާތަކަށް ރައްދު ދޭނެ ކަމަށް ބުނެފައެވެ.
ރައުސް އީސާ ޓާމިނަލަކީ 3 މިލިއަން ފީފާގެ ސްޓޯރޭޖް ކެޕޭސިޓީއެއް އޮންނަ ޓާމިނަލެކެވެ.
މިއީ މީގެ ގާތްގަނޑަކަށް 40 ވަރަކަށް އަހަރު ކުރިން ޔަމަނުން ތެޔޮ އެކްސްޕޯޓް ކުރުމަށް ހެދި ފުރަތަމަ ބަނދަރެވެ.




