ޔަހޫދީ އިޒްރޭލުން އިއްޔެއާއި މިއަދު ފަތިހު ޣައްޒާގެ އާންމުން ދިރިއުޅޭ ގެތަކަކާއި، ޓެންޓުތަކަކަށް ބޮން އަޅައި 70 މީހުން މަރާލައިފިއެވެ.
ސިއްޙީ ޙިދުމަތްތެރިން އަލް ޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި އިޒްރޭލުން އިއްޔެ އިރުއޮއްސުނު ވަގުތުން ފެށިގެން ދޭން ފެށި ވައިގެ އެ ހަމަލާތަކުގައި، ޣައްޒާއިން މިހާރު 70 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
ހުއްޓުމެއްނެތި މިދިޔަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންގެންދާ އެ ހަމަލާތަކުގެ އިތުރުން، ޔަހޫދީން އަންނަނީ ޣައްޒާއަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.
އެގޮތުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުން ހުއްޓުވުމާއި، ބޭސްފަރުވާއާއި ޒަރޫރީ އެހެން ސާމާނުތައް ލިބުން ހުއްޓުވުންވެސް ހިމެނެއެވެ. މިކަމާ ގުޅިގެން އ.ދ ގެ ފުޑް ޕްރޮގްރާމުންވެސް މިހާރު ވަނީ، ޣައްޒާގެ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ކާބޯތަކެތި ބޭނުންވާކަމަށާއި އެތަކެތި ފޯރުކޮށްދިނުމަށް ގޮވާލައި އިއުލާނުކޮށްފައެވެ.
ޣައްޒާގައި ހުންނަ އ.ދ ގެ އޮފިޝަލަކު ބުނީ، ހަމަލާތަކުގެސަބަބުންނާއި ކާބޯތަކެތި ލިބުމުގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ ގިނަ ރައްޔިތުންނަށް މިހާރު ވަނީ ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރު ކޮށްފައި ކަމަށެވެ.
މީގެ 18 މަސް ކުރިން އިޒްރޭލުން ދެމުންގެންދާ އެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާއިން 61،700 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކު އެ ޤައުމުން ގެއްލިގެން ގޮސްފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.




