އިންޑިއާގެ ނިއު ދިއްލީގައި އިމާރާތެއް ވެއްޓި ހަތަރު މީހަކު މަރުވެ، ގިނަ ބަޔަކު ވެއްޓުނު އިމާރާތުގެ ދަށުވެ ތާށިވެއްޖެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ދިއްލީގެ މުސްތަފާބާދުގައި ހުރި ހަތަރު ފަންގިފިލާގެ އިމާރާތެއް ވެއްޓިގެން، ހަތަރު މީހަކު މަރުވެފައިވެއެވެ. އަދި މިހާތަނަށް 14 މީހަކު ސަލާމަތް ކުރެވިފައިވާއިރު، ގިނަ ބަޔަކު އަދިވެސް ވެއްޓުނު އިމާރާތުގެ ދަށުވެ ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށާއި ތާށިވީ މީހުންގެ ސީދާ އަދަދެއް އަދި ނޭނގޭ ކަމަށް ވެސް ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:00 ހާއިރު ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާއެކު އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޯންސް ފޯސް (އެންޑީއާރްއެފް) އާއި ދިއްލީ ފަޔަރ ސާވިސަސް އަދި ދިއްލީ ފުލުހުން ގުޅިގެން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ވަގުތުން ފަށާފައިވާ ކަމަށް ސީނިއަރ ޕޮލިސް އޮފިސަރު ސަންދީޕް ލާމްބާ ބުނެފައިވެއެވެ.
އިމާރާތް ވެއްޓުނު ސަބަބު އަދި ނޭނގޭ ކަމަށާއި ނަމަވެސް ތަހުގީގުތައް ކުރިއަށްދާ ކަމަށް ވެސް ސަންދީޕް ބުނިއެވެ.
ޒަހަމްވީ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ އިންޑިއާގެ ޖީޓީބީ ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ. އަދި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމުގައި ސަންދީޕް ބުންޏެވެ.



