ރިޕަބްލިކް އޮފް ކޮންގޯގެ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 148 މީހުން މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ހާދިސާ ހިނގީ އިއްޔެ ކޮންގޯގެ ހުޅަނގު އުތުރުގައި އޮންނަ ކޮންގޯ ކޯރުގައި ދަތުުރުކުރަމުން ދިޔަ މޮޓޯރައިޒްޑް ލަކުޑި ދޯންޏެއްގައި އަލިފާން ރޯވެ އެ ދޯނި ބަންޑުން ޖަހާލުމުންނެވެ.
މި ހާދިސާ ހިނގާފައި ވަނީ 500 އެއްހާ ފަސިންޖަރުންނާއެކު ދަތުރުކުރި އެ ދޯނީގައި މީހަކު ކެއްކުމުގެ މަސައްކަތުގައި އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައެވެ.
އަލިފާން ރޯވެފައި ވަނީ ކޮންގޯ އާއި ރުކީ ކޯރު ގުޅޭ ހިސާބުގައި އޮންނަ އިކުއެޓާ ޕްރޮވިންސްގެ އެމްބަންޑާކާ ސިޓީ ކައިރިންނެވެ.
އަލިފާންގަނޑު ދޯނިތެރެއަށް ފެތުރުމާއެކު ގިނަ މީހުން ފަތަން ނޭނގުނަސް ފުން ކޯރުތެރެއަށް ފުންމާލި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުންނާ ހަވާލާދީ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާން ރޯވެ އެ ބޯޓު ބަންޑުން ޖަހާލައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 148 އަށް އަރާފަ އެވެ.
ނަމަވެސް ދޯނީގައި 500 އެއްހާ ފަސިންޖަރުން ތިބި އިރު އެ އަދަދު އިތުރުވާނެ ކަމުގެ ބިރު އެބައޮތްކަމަށް އޮފިޝަލަން ހާމަކުރެއެވެ.
އެ ބޯޓުގައި ދަތުުރުކުރަމުންދިޔަ ފަސިންޖަރުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު މަރުވެފައި ވަނީ ފަތަން ނޭނގުނަސް ކޯރަށް ފުންމާލުމުންނެވެ.
މި ހާދިސާގައި ޒަޚަމްވި ބައެއް މީހުން ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވާއިރު ވީނުވީއެއް ނޭނގި އެތަށް ބަޔަކު ވަނީ ގެއްލިފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބައެއް ތަސްވީރުތަކާއި ވީޑިއޯތަކުން ދިގު ދޯންޏެއްގައި އަލިފާންރޯވެ ދުންތައް އަރަމުންދާ މަންޒަރު ފެނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމަށް ލޯކަލް ރެޑްކްރޮސްގެ ޓީމްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކޮންގޯގައި އެ ޤައުމުގެ ބޮޑު ބިން ގުޅާލަދޭ މަގެއް ނުވަތަ ވައިގެ ނިޒާމެއް ނެތެވެ. މިކަމުގެ ސަބަބުން ކޮންގޯ ކޯރު ހުރަސްކޮށް ބޯޓުފަހަރުގައި މީހުން ދަތުރުކުރުމަކީ އާންމުކަމެކެވެ.



