ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލައި މާލޭގައި ބޮޑު ހިނގާލުމެއް ރޭގައި ބާއްވައިފިއެވެ.
”އުއްމަތް ފަލަސްތީނާއެކު“ މި ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ޔޫތު ފޯ ޔުނިޓީ އާއި އެހެނިހެން ޖަމިއްޔާތަކުންގެ އިސްނެގުމާއެކު، ދީނީ ޢިލްމުވެރިންނާއި، ދީނީ ޖަމްޢިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މިހަރަކާތް ފަށާފައިވަނީ ރޭ 8:00 ގައި، ސޯޝަލް ސެންޓަރުން ފެށިގެން މަޖީދީމަގުން އާޓިފިޝަލް ބީޗާ ހަމައަށެވެ.
ގިނަ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ފަލަސްތީނުގެ ދިދަޔާއި، ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި ތިބިކަން ދައްކުވައިދޭ އެކި ޝިޢާރުތައް ރަމްޒުކޮށްދޭ ބޯޑުތަކާއި ބެނާތައް ބޭނުންކޮށްފައިވެއެވެ.
މީގެއިތުރުން ޣައްޒާގެ ނަސްލު ނައްތާލުމަށްޓަކައި ޔަހޫދީން ދެމުންދާ ނިރުބަވެރި ޢުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް ގޮވާލާފައިވެއެވެ.
ހަމައެހެންމެ ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމަށްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ގޮވާލާފައެވެ.




