ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ތައިލެންޑުން ރާއްޖެ އައި ނޭޕާލްގެ ދެ ފަސިންޖަރުން ބަލައި، ފާސްކޮށްގެން ކަމަށެވެ.
އެ ދެ މީހުން ރާއްޖެ އައި ވަގުތު އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ސުވާލުކޮށް، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި އެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ ދެ މީހުންގެ ހަށިގަނޑު ތެރެއިން ޖުމްލަ 142 ބުލެޓް ނަގާފައިވާއިރު، އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1،183.8 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލު:
- 51.6 ގްރާމް މޯފިން
- 424 ގްރާމް ކޮކެއިން
- 708.2 ގްރާމް ހެރޮއިން
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ އިތުރު ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


