ރާއްޖޭގައި ލޭ ރައްކާކުރުމާއި ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، އެއް މިންގަނޑަކަށް ގެނައުމަށްޓަކައި މުހިންމު 2 އުސޫލެއްހެލްތު މިނިސްޓްރީން ތައާރަފްކޮށްފިއެވެ.
މި އުސޫލުތައް އިފްތިތާޙުކޮށްދެއްވީ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބްދުއްސަމަދު އަބްދުﷲއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އަލަށް ތައާރަފްކޮށްފައިވަނީ ’ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް‘ އަދި ’ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ’އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބްދުއްސަމަދު ވިދާޅުވީ، މިއަދު އިފްތިތާޙުކުރި އުސޫލުތަކަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް ބޭނުންތެރި މިންގަނޑުތަކެއް ކަމަށެވެ. އަދި މި އުސޫލުތައް ތައާރަފުކުރުމަކީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަދި ސިއްޙީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ ތެރެއިން ”ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް“ އަކީ ރާއްޖޭގައި ހިންގާ ހުރިހާ ބްލަޑް ބޭންކުތަކާއި، ލޭ އެޅުމުގެ ޚިދުމަތް ދޭ އެންމެހައި މަރުކަޒުތަކުގެ ފެންވަރާއި ރައްކާތެރިކަން އަދި އެއްހަމަކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ޤައުމީ އޮނިގަނޑެކެވެ. މީގެ އިތުރުން ”ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ“ ގެ ސަބަބުން ލޭ ހަދިޔާކުރާ ފަރާތްތަކުގެ ސިއްޙީ ފެންވަރު ބެލުމާއި، ލޭ ލިބިގަންނަ ބަލިމީހާގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ކަށަވަރުކުރުމުގެ މިންގަނޑުތައް ހަމަޖެހިގެންދާނެއެވެ.
މި އުސޫލުތައް އެކުލަވާލުމުގައި ފަންނީ ގޮތުން އެހީތެރިވެދެއްވި ޓެކްނިކަލް ވަރކިންގ ކޮމިޓީތަކަށާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ނޭޝަނަލް ބްލަޑް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އެގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ)، އިންޓަރނޭޝަނަލް ސޮސައިޓީ އޮފް ބްލަޑް ޓްރާންސްފިއުޝަން، ދަ ހޮންކޮންގ ރެޑް ކްރޮސް ބްލަޑް ޓްރާންސްފިއުޝަން ސަރވިސް، އަދި ތައިލެންޑުގެ ނޭޝަނަލް ބްލަޑް ސެންޓަރުން ވެދެއްވި ފަންނީ އެހީތެރިކަން އެ ކައުންސިލުން ޚާއްސަ ގޮތެއްގައި ފާހަގަކުރިއެވެ.



