އެމްއެންޑީއެފްގެ 133ވަނަ އަހަރީ ދުވަހުގެ ޕެރޭޑުގައި ސިފައިންގެ ޚިދުމަތަށް އަލަށް ގަނައި އުޅަނދުތައް މިއަދު ދައްކައިލައިފިއެވެ.
ސިފައިންގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ. ނަމަވެސް މިއަހަރު އެދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއް ކަމަށްވާތީ، އަހަރީ ދުވަހުގެ ޕެރޭޑު މިއަދު ހަވީރު މާލޭގައި ވަނީ ބާއްވާފައެވެ.
އެ ޕެރޭޑުގައި އެމްއެންޑީއެފްގެ ހުރިހާ ބާރަކުން ބައިވެރިވެފައިވާއިރު އެމްއެންޑީއެފްއިން ބުނީ މިއަދު ޕެރޭޑުގެ ޚާއްސަކަމަކީ އަލަށް ގެނެވުނު ވެހިކަލްތައް ދައްކާލުން ކަމަށެވެ.

މި ވެހިކަލްތަކަކީ އޫއޭއީގެ އުފެއްދުމެއް ކަމަށާއި ރާއްޖެފަދަ އެއްގަމާއި ކަނޑު ބޮޑު ގައުމަކަށް ބަލާއިރު މި ވެހިކަލްތަކަކީ ބޭނުންކުރަން ފަސޭހަ ވެހިކަލްތަކެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މީގެއިތުރުން މި ވެހިކަލްތަކަކީ ކުރީން ސިފައިން ބޭނުންކުރި ވެހިކަލްތަކަށްވުރެ ދިފާއީ ގޮތުން ވަރުގަދަ ވެހިކަލްތަކެއް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެގޮތުން މަޑު ފަސްގަނޑުމަތީގަޔާއި އަތިރިމަތީގައިވެސް މި ވެހިކަލްތައް ފަސޭހަކަމާއެކު ދުއްވާލެވޭނެ ކަމަށާއި ތާރު މަގުތަކުގެ އިތުރުން ގާޖަހާފައި ހުންނަ މަގުތަކުގައި ވެސް މި ވެހިކަލްތައް ފަސޭހަކަމާއެކު ދުއްވާލެވޭނެ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

މިއަދުގެ ޕެރޭޑުގައި ގިނަ އުޅަނދުތަކެއް ފެނިގެން ނުދިޔަ ނަމަވެސް ސިފައިންގެ ހުރިހާ ބަހާއަކުން ގެމައެއް މި ޕެރޭޑުގައި ދައްކާލާފައިވެއެވެ. އެގޮތުން ކޯސްގާޑްގެ ޚިދުމަތާއި މެރިން ކޯޕްސްގެ އިތުރުން އެއާ ކޯޕްސް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު، ސާވިސް ކޯޕްސް، މެޑިކަލް ކޯޕްސް، އޭޖީ ކޯޕްސްގެ އިތުރުން ހުރިހާ ޑިޕާޓްމެންޓަކުން މި ޕެރޭޑުގައި ބައިވެރިވެފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން އެމްއެންޑީއެފް ބޭންޑުގެ ތަފާތު ހަރަކާތްތައް ވެސް މިއަދު ދައްކާލާފައިވެއެވެ.




