ފުލުހުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތަކީ ވަރަށް މާތް މަޤުޞަދެއް ޙާސިލްކުރުމަށް ދޭ ޚިދުމަތެއްކަމަށާއި، އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވަން ޖެހޭނީ ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކުގައިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ސީޕީ ޝުޖާއު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި މަސައްކަތްކުރަމުން އަންނަ ސައުތު ޕޮލިސްގެ ސްޕެޝަލިސްޓް ޓީމުތަކުގެ ފުލުހުން 2024 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ”ތިން ބްލޫ ލައިން- އަ ސައުތު ސައިޑް ސެލެބްރޭޝަން“ ސްޓާފް ނައިޓުގައި ވާހަކަ ދައްކަވަމުންނެވެ.
އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި ބޭއްވި މި ހަފުލާ ޝަރަފުކޮށްދެއްވީ ސީޕީ ޝުޖާޢުއެވެ.
ޝުޖާޢުގެ ވާހަކަފުޅުގައި ފުލުހުންގެ މަސައްކަތްތަކަކީ ވަރަށް މާތް މަސައްކަތެއްކަމާއި، ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް ހުރިހާ ފުލުހުންގެ ފަރާތުން އެދިލެއްވިއެވެ. އަދި ފުލުހުންގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ ގިނަ ފަހަރަށް ނުކުރެވި ދޫކޮށްލެވޭ ކަމެއް ކަމަށާ ނަމަވެސް މިފަދަ ހަފުލާއަކުން، ސައުތު ޕޮލިސްގެ ހުރިހާ ފުލުހުންނާ ބައްދަލުވެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިލެއްވިކަން ފާހަގަކުރެއްވިއެވެ.



