ދިވެހި މުޖުތަމަޢުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ، ކޮންމެ ދާއިރާއަކުން ކަމުގައިވީ ނަމަވެސް، އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށާއި، ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، މި ކުޑަކުޑަ ދިވެހި މުޖުތަމައު އިޞްލާޙުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭގައި ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް ވަނީ، އަޅުގަނޑުމެންގެ ކިބައިގައި ޤައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތީވިއްޔާ، ޤައުމުގެ ކަންކަން އިޞްލާޙުވެގެންދާނީ ކޮންފަދައަކުންތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު އެމަނިކުފާނު ވަނީ، މާތްވެގެންވާ ކީރިތި ޤުރުއާނުންވެސް އަޅުގަނޑުމެންނަށް ދައްކުވައިދޭ މަގަކީ މިއީ ކަން ހަނދާންކޮށްދެއްވާފައެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި، އިސްލާމީ ރިވެތި އަޚުލާޤު އަށަގެންނެވުމަށް މަސައްކަތްކުރުމަކީ ޢިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، މިއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ޙައްލުކުރުމުގެ ޚިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ޤައުމުގެ ކަންކަން އިޞްލާޙުނުވާނެ. މައިންބަފައިންގެ ޢަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން، ތަޢުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރިވެތި އަޚުލާޤުން ޖަރީވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފިކަމުގައިވާނަމަ، ދިވެހި މުޖުތަމަޢު އިޞްލާޙު ކުރެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި އުސޫލުން ކަންކަން ބައްޓަންކުރަން މަސައްކަތްކުރުމަށް ލޯމަރާލެވެން ނެތް ކަމަށާއި، މި ފިކުރު އަށަގެންނެވިގެން ނޫނީ، މުޖުތަމަޢުގައި ހުރި މުންކަރާތްތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ވަރުގަދަ ކުރެއްވުމަށްޓަކައި، މާތް ﷲގެ އިރާދަފުޅާއެކު، އެ މަނިކުފާނުގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޖާގައާއި ވަޞީލަތުގެ ގޮތުން ޔުނިވަރސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.




