މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭން ނެޝަނަލް ޑުރަގު އެޖެންސީ (އެންޑީއޭ)އިން އިންޑިއަން ކަލްޗަރަލް ސެންޓަރާ މަޝްވަރާކޮށްފިއެވެ.
އެގޮތުން އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރޭގައި ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮ ކަސްރަތުތައް ހިމެނުމާ ގުޅޭ ގޮތުން އެއްބާރުލުން ހޯދަން އެންޑީއޭއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާ ދެމެދު މަޝްވަރާގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މިކަމާ ބެހޭގޮތުން ހޯމް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ކްލައިންޓުންނަށް މަސްތުން ސާފުވުމާއި، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވަށައިޖެހޭ ފަރުވާގެ ނިޒާމަކަށް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް އެންޑީއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ދާދި ފަހުން ވަނީ ވޮލަންޓިއާ ޕިއާ ވޯކާސްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވެ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭއިން އެދުނު ކަމަށް މިނިސްޓްރީން ބުންޏެވެ.




