ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަައި ޕްރިފެރެންޝަލް ވޯޓަކުން ސަރުކާރެއް އެކުލަވާލުމަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަހިލީހުގެ ވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްބުރުން ވޯޓުލައި ނިންމައި، ސަރުކާރެއް އުފެއްދުމަކީ ރަނގަޅު އުސޫލެއް ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ.
އޭގެ ފަހުން ޑިމޮކްރެޓްސްގެ ސަޕޯޓަރުންގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސްއަށް ތާއީދުކުރައްވާ ބޭފުޅުން، އެއްބުރުން ރިޔާސީ އިންތިހާބު ނިންމަން ތާއީދުކުރާނެ ކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށެވެ.
މިފަދަ ބަދަލަކަށް ތާއީދު ކުރައްވާކަން ރައީސް ނަޝީދު ވަނީ މީގެކުރިންވެސް ހާމަކުރައްވާފައެވެ.



