ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ އެންމެ ފަހުގެ އުފެއްދުން، ”ޕްރޮޖެކްޓް 37“ އަށް އަސްލު ދީފައިވާ ނަން މިއަދު ހާމަ ކޮށްފިއެވެ.
ޑާކްރެއިނުން މިއަދު ހެނދުނު ހާމަކޮށްފައިވާ ގޮތުގައި ”ޕްރޮޖެކްޓް 37“ ގެ އަސްލު ނަމަކީ ”އަލިފާން“ އެވެ. އެ ފިލްމުގެ ޓައިޓްލް ރިލީސް ކޮށްފައިވަނީ މިއަދު ހެނދުނު ޔޫޓިއުބްގައި ދައްކާލި ކުރު ވީޑިއޯ ކޮޅަކުންނެވެ.
އެ ވީޑިއޯކޮޅުން ފުރަތަމަ ފެންނަނީ މަޝްހޫރު އެކްޓަރ ރަވީ ފާރޫޤް، ރޭޑިއޯ އަކަށް ކެސެޓެއް ލައްވާފައި ކުރީ ޒަމާނުގެ ލަވައެއް ޖަހާލާ މަންޒަރެވެ. އޭނާ އިންނަނީ ގޮނޑިއެއްގައި ވަރަށް ހަމަޖެހިލައިގެންކަން ވެސް އެ މަންޒަރުން ދައްކުވައިދެއެވެ. އަދި ލައިޓަރުން ސިނގިރޭޓެއް ރޯކޮށްލުމަށްފަހު އޭގެ ދުންކޮޅާއެކީ ރަވީގެ މޫނު ވެސް އެންމެންނަށް ސާފުކޮށް ދައްކާލައެވެ. މި ފިލްމުގެ ޓްރެއިލަރ މިމަހުގެ 28ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވެއެވެ.
ޑާކްރެއިނުން ކުރިން ހާމަ ކުރި ގޮތުގައި މި ފިލްމަކީ އެކްޝަން ތުރިލާ އެކެވެ.
”އަލިފާން“ ފިލްމުގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19ގައެވެ. އަދި ޝޫޓިން އެއްކޮށް ނިންމާލާފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ މެދެއްހައި ހިސާބުގައެވެ.
ޑާކްރެއިންގެ ބާނީ މުޙައްމަދު ޢަލީ (މޮގަރ) ބުނި ގޮތުގައި ”އަލިފާން“ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގައެވެ.




