ސިފައިންނަށް ވަސީލަތްތައް ހޯދައިދިނުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށާއި، އެކަމަށް ފަހުރުވެރިވާންޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ، މިރޭ ބޭއްވުނު ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި ސިފައިންނަށް ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި ސިފައިންގެ ބާރު ވަރުގަދަކުރުމާއި މި ކަންކަމަކީ ދިވެހިން ފަހުރުވެރިވާންޖެހޭނެ ކަންކަން ކަމަށެވެ.
ސިފައިންނަށް އެކިއެކި ވަސީލަތްތައް ހޯދައިދިނުމުން ލަދުގަންނަ ފަރާތްތަކުގެ ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
”ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު، ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް ފަހުރުވެރިވާންޖެހޭނެ.“ ރައީސް ވިދާޅުވިއެވެ.
އަދި ގައުމީ ދިފާއީ ބާރު ވަރުގަދަކުރުމަކީ އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަމަށް މަލާމާތްކުރާ މީހުންނަކީ ގައުމިއްޔަތުކަމެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުން ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަވާ ބައެއްކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ވިސްނުމުން ގައުމު ސަލާމަތްކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެއްސެއްގެ ވާޖިބެކެވެ.
ސިފައިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭ މަސައްކަތަކީ ގައުމީ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.



