ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން 54އ ގަތަރުން އަގުބޮޑު ގެއެއް ގަނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސައިފް ދާދި ފަހުން ވަނީ ގަތަރުގެ ވެރިރަށް ދޯހާގެ އަލް މަރްސާ އައިލެންޑް، ދަ ޕާލް އިން ހޮލިޑޭ ހޯމްއެއް ގަނެފަ އެވެ.
މުމްބާއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައިފް ވަނީ މި ކަން ކަށަވަރުކޮށްދީފަ އެވެ.
އަލަށް ގަތް ގެޔާ ބެހޭގޮތުން ސައިފް ބުނީ އަރާމާއި ޕްރައިވަސީއާއި ރައްކާތެރިކަމާއި ހިތްހަމަޖެހުން އެ ގެއިން އޭނާއަށް ލިބޭ ކަމަށެވެ.
އަދި އެ ގެ ގަނެފައިވާ ގަތަރަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި ޤައުމެއް ކަމަށް ސައިފް ބުނެފައި ވެއެވެ.
”އެންމެ މުހިންމު ކަމަކީ ގަތަަރަކީ ވަރަށް ރައްކާތެރި، ތަނެއް. އެ ތަނުން އަހަރެންނަށް ކުރެވެނީ ރައްކާތެރި އިހުސާސެއް“ ސައިފް ބުނެފައި ވެއެވެ.
ސައިފް ހިމެނެނީ ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައެވެ. ސައިފްގެ މިލްކިއްޔާތުގައި ޕަތޯޑީ ޕެލެސްގެ އިތުރުން މުމްބާއީ އާއި ލަންޑަންގައިވެސް ގެތަކާއި އެޕާޓްމަންޓްތައްހުރެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސައިފްގެ ރިއަލް އެސްޓޭޓްގެ ކޮމްބައިންޑް ވެލިއު ގާތްގަނޑަކަށް އެއް ބިލިއަން ރުޕީސް އަށް އަރަ އެވެ.
ގަތަރުން ސައިފް ގެއެއް ގަނެފައި ވާއިރު އޭނާ މިހާރު މުމްބާއީގައި ދިރިއުޅެނީ ވަރަށް އަގުބޮޑު އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގެ 12 ވަަނަ ފްލޯގައެވެ.
މީގެ ދެތިން މަހެއް ކުރިން އެ އެޕާޓްމަންޓަށް ވައްކަން ކުރަން ވަތް ވަގަކު ވަނީ ސައިފަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ. އެ ހާދިސާގައި ސައިފަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާވެސްދީފައެވެ.



