ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލްއާއި ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ބައިވެރިވެވަޑައިގެންނެވިއެވެ.
މެލޭޝިއާއަަށް ރައީސް މުޢިއްޒު ކުރައްވާ ފުރަތަމަ ރަސްމީ މި ދަތުރުފުޅުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުން ކަމަށް ރައީސް އޮފީހުން މީގެކުރިން ވިދާޅުވިއެވެ.
އެގޮތުން މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި ދަރުހެއް ދެއްވާނެއެވެ.




