އަޒަރުބައިޖާނުގެ ވެރިރަށް ބާކޫ އަދި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގެ ސަރުކާރު ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން، ދަރިވަރުންނާއި ބެލެނިވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މި އިހުތިޖާޖުތައް ކުރަން ފެށީ، ސްކޫލްތަކުގެ ޔުނިފޯމް އުސޫލުތަކަށް އެ ގައުމުގެ ސަރުކާރުން ގެނައި ބަދަލަކާ ގުޅިގެންނެވެ.
އާ ގަވާއިދު ބަޔާންކުރާ ގޮތުގައި، ގައުމުގެ ސެކިއުލާ ތައުލީމީ ނިޒާމާ ހިލާފުވާ ފަދަ އެއްވެސް އިތުރު ފޭރާމެއް ސްކޫލް ޔުނިފޯމާ އެކު ބޭނުންކުރުމަކީ މަނާކަމެކެވެ. މީގެ އިތުރުން ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަށް ވެސް ބުރުގާ އަޅައިގެން ސްކޫލަށް ދިއުން ވަނީ މަނާކޮށްފައެވެ.
މި ނިންމުމާ ދެކޮޅަށް ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ ދަރިވަރުން ސްކޫލަށް ނުފޮނުވައި ބޮއިކޮޓް ކޮށްފައެވެ. އަދި ބުރުގާ އަޅައިގެން ދިޔަ ބައެއް ދަރިވަރުން ސްކޫލް ގޭޓުން އެތެރެއަށް ނުވައްދައި އަނބުރާ ފޮނުވާލާފައިވާއިރު، ބައެއް މުދައްރިސުންނަށް ބުރުގާ ނެގުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ވެސް ވަނީ އަންގައިފައެވެ.
މި މުޒާހަރާތަކުގެ ވީޑިއޯތައް މީސްމީޑިއާގައި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ވަނީ ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ މަންސަތައް ބޭނުންކުރުން ހުއްޓުވައި، ބައެއް މުޒާހަރާވެރިން ހައްޔަރުކޮށްފައެވެ.
އަޒަރުބައިޖާނުގެ އާބާދީގެ 96 ޕަސެންޓަކީ މުސްލިމުންނެވެ. އޭގެ ތެރޭގައި 60 އިން 65 ޕަސެންޓް ޝިއާ މުސްލިމުން އަދި 35 އިން 40 ޕަސެންޓް ސުންނީ މުސްލިމުން ހިމެނުނު ނަމަވެސް، އެ ގައުމަކީ ޒަމާނުއްސުރެ ސެކިއުލާ އުސޫލުތަކަށް އިސްކަންދޭ ގައުމެކެވެ. އަޒަރުބައިޖާންގެ ސަރުކާރުން ބުނެފައިވަނީ މި ފިޔަވަޅަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ސެކިއުލާ ނިޒާމު ހިމާޔަތްކުރުމަށާއި، ބޭރުގެ ދީނީ ނުފޫޒުތަކުން ތައުލީމީ ނިޒާމު ސަލާމަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި މައްސަލައިގައި އަޒަރުބައިޖާނުގެ އެންމެ ގާތް އެކުވެރި ތުރުކީއާ ދެމެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ތުރުކީގެ އޮފިޝަލުން މި ނިންމުމަށް ފާޑުވިދާޅުވުމުން، އަޒަރުބައިޖާނުން ވަނީ މިއީ އެ ގައުމުގެ ދާހިލީ މައްސަލައެއް ކަމަށް ބުނެ، އެކަމުގެ ތެރެއަށް ތުރުކީން ނުވަނުމަށް ގޮވާލާފައެވެ.




