ނެދަލެންޑްސްގެ ކިންގްސް ޑޭ ގެ މުނާސަބަތުގައި ކިންގ ވިލަމް އަލެކްސާންޑަރ އަށާއި ބޮޑުވަޒީރު ހެންޑްރިކަސް ވިލެމަސް މާރިއާ ޝޫފް އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވަނީ، ރަސްގެފާނުގެ އުފަންދުވަސް ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.
އެގޮތުން ރަސްގެފާނަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް ތަރައްޤީއާއި ތަމައްދުނު ލިބެމުންދިއުމަށް އެދިވަޑައިގަންނަވާކަމަށް، ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރަށް ވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި ރައްޔިތުންނަށް، ކިންގްސް ޑޭ ގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ހަމައެހެންމެ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް، ރައީސް ވަނީ އެދިވަޑައިގެންފައެވެ.



