މިމަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް، ތަހުގީގަށް ބަރާބަރަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި ނަމަވެސް އޭނާގެ ބަންދާމެދު އިތުރު ގޮތެއް އަދި ނިންމާފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދެވެ. ހާދިސާ ހިނގި ރޭ އޭނާއާއެކު ރައުދު އުޅުނުކަން މި މައްސަލައިގެ ތަހުގީގުން ހޯދިފައިވާ ސީސީޓީވީ ފުޓޭޖްތަކުން ވަނީ ހާމަވެފައެވެ.
އައިޖީއެމްއެޗްގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދިނުމަށްފަހު، މިދިޔަ ހަފްތާގެ ބުދަ ދުވަހު ޔުމްނު ވަނީ އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލާފައެވެ.
މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދަށް 5 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ. އެ މުއްދަތު ހަމަވަނީ މިއަދަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލައިގައި ރައުދު ބަރާބަރަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
ހާދިސާއާ ގުޅޭގޮތުން މީގެކުރިން ރައުދު ބުނެފައިވަނީ ހާދިސާ ހިނގި ރޭ ޔުމްނުއާއެކު ހަމަނުޖެހުމެއް ހިނގި ކަމަށާއި ނަމަވެސް އޭނާ ވެއްޓުނުއިރު ފެނިފައިނުވާ ކަމަށެވެ. ޖެހުނީ ކޮން ހަމަނުޖެހުމެއް ކަމެއް ރައުދު ސާފުކޮށްދީފައެއް ނުވެއެވެ.




