ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ހިންގަމުންދާ ޕްރޮގްރާމްތަކުގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިޔަ ”އަހާ“ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް އާމްދަނީ ހޯދައި ދިރިއުޅެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ރިސޯޓުތައް ހިމެނޭހެން އެކި ދާއިރާތަކުން ލިބެންހުރި ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށް ތަމްރީނު ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ޒުވާނުން ތަމްރީނު ކުރުމުގެ 208 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން ގިނަ ޒުވާނުންނަށް މިހާރުވެސް ވަޒީފާގެ ފުރުޞަތުތައް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ގިނަ ރަށްރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރަށްރަށުގައި ހިންގި ތަމްރީނުތަކަށްފަހު ގިނަ ޒުވާނުން މިހާރު އަމިއްލައަށް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވި ގިނަ އަދަދެއްގެ ޒުވާނުން މިހާރުވެސް ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކުރުމާއި، އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ހުނަރުވެރި ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުން ހިމެނެއެވެ.
އަދި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅެވޭނެ ޤާބިލު ބަޔަކަށް ދިވެހި ޒުވާނުން ހެދުމަކީވެސް މި މަސައްކަތުގެ މުހިންމު އަމާޒެކެވެ.




